އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހަޔާ ޔޫސުފް 2 އޯގަސްޓު 2020 17:21
Flowers
ދިވެހިރާއްޖޭގެ ހޯމްމިނިސްޓަރު އިމްރާނާއި އަމިތު ޝާހު

އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ. އަމިތު ޝާހުވަނީ ޓުވިޓާ ބޭނުންކުރައްވައިގެން އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން އިއުލާނުކުރައްވައިފިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި އޭނާއާ ބައްދަލުވި އެންމެންވެސް ބައްޔަށް ޓެސްޓުކުރުމަށް އެދިވަޑައިގެންފައިވެއެވެ.

އަމިތު ޝާހުގެ ޞިއްޙީ ޙާލުކޮޅު ރަނގަޅު ކަމުގައާއި ނަމަވެސް ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ހޮސްޕިޓަލުގައި އެޑުމިޓުވެވަޑައިގެންފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. އޭނާ އެދުމަތިވެވަޑައިގެންފައިވަނީ ގުރުގްރާމް ގައި ހުންނަ މެޑަންޓާ ހޮސްޕިޓަލުގައި ކަމަށްވެސް ވިދާޅުވިއެވެ. އަމިތު ޝާހާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމުގައި ބުނެފައިވެއެވެ. 

ޑޮކްޓަރުން ބުނި ގޮތުގައި އަމިތު ޝާހުގެ ކިބައިގައި ކޮމޯބިޓީސް އެބަހުއްޓެވެ. އެހެންކަމުން އޭނާއަކީ ބަލީގެ ނުރައްކާ ބޮޑުވުމުގެ ހިރާސް އޮތް މީހެއްކެވެ. އެހެންކަމުން އޭނާގެ އޮކްސިޖަން ހުރި މިންވަރު ޑޮކްޓަރުން ބަލަމުންދާނެ ކަމަށްވެއެވެ. 

އަމިތު ޝާހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކޮރޯނާވައިރަސްގެ އަލާމާތްތައް ފާޅުވުމާއެކު، ބައްޔަށް ޓެސްޓުކުރުމުން ނަތީޖާ ލިބިފައިވާ ކަމުގައެވެ. ނަމަވެސް ޞިއްޙީ ޙާލަތު ރަނގަޅު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާއާ ބައްދަލުވި ފަރާތްތަކުން އެކަހެރިވުމަށާއި ޓެސްޓު ހެދުމަށް އެދިވަޑައިގަންނަވާ ކަމުގައި އަމިތު ޝާހު ވިދާޅުވިއެވެ. 

ފާއިތުވި ހަފުތާގައި ހޯމް މިނިސްޓަރުގެ ހައިިސިއްޔަތުން ކެބިނެޓު ބައްދަލުވުމެއްގައި އަމިތު ޝާހު ބައިވެރިވެވަޑައިގެންނެވިއެވެ. އެއގޮތުން ޤައުމީ ތައުލީމާ ބެހޭ ސިޔާސަތު ފާސްކުރި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އަމިތު ޝާހާ ބައްދަލުވި ކަން ކަށަވަރުނުވާ ކަމުގައި ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. 

އިންޑިޔާގައި ކޮވިޑް-19 ބަލި ހަންމަތަކުރުމަށް ކުރަމުންދާ މަސައްކަތެއްގެ ލީޑަރެއްގެ ގޮތުގައި އިސްސަފުގައި އަމިތު ޝާހުވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން އިންޑިޔާގެ ވެރިރަށް ދިއްލީގެ ކޮވިޑް ހާލަތު ކޮންޓުރޯލުކުރަން ޗީފު މިނިސްޓަރު އާވިންޑް ކެޖްރިވާލްއާއެކީ ވަރަށް ގާތުން މަސައްކަތްކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު