ބޮކޯ ހަރާމުގެ ހަނގުރާމަވެރިން ކަމުގައި ޝައްކުވާ ބަޔަކު ކެމަރޫންގެ 13 މީހަކު މަރައިފި

އިބްރާހިމް އާދަމް 2 އޯގަސްޓު 2020 16:18
Flowers
ބޮކޯ ހަރާމަށް ނިސްބަތްވާ ބައެއް ހަނގުރާމަވެރިން

ބޮކޯ ހަރާމުގެ ހަނގުރާމަވެރިން ކަމުގައި ޝައްކުވާ ބަޔަކު ދިން ހަމަލާއެއްގައި ކެމެރޫންގެ އުތުރުގައި 13 މީހަކު މަރާލައި 8 މީހަކަށް އަނިޔާދީފި ކަމަށް ރޮއިޓާސްއަށް ކެމެރޫންގެ ސަލާމަތީ ބާރުތަކުގެ މަޞްދަރަކާއި ކެމެރޫނުގެ އޮފިޝަލެއް މައުލޫމާތު ދީފިއެވެ. 

ގެދޮރު ގެއްލިފައިވާ ބަޔަކު ދިރިއުޅެމުންދިޔަ ކޭމްޕެއްގެ ތެރެއަށް ކޮންބައެއްކަން ނޭނގޭ ހަނގުރާމަވެރިންތަކެއްވަނީ އަތު ބޮމުން ހަމަލާދީފައެވެ. މިހަމަލާދިނީ ކެމެރޫނުގެ އުތުރުގައި އޮންނަ މޮޒޯގޯ ކޮމިއުނަށެވެ. އެތަން އޮންނަނީ ނައިޖީރިއާއާއި ކެމެރޫނުގެ ބޯޑަރު އިންވާ ސަރަހައްދުގައެވެ. 

އެސަރަހައްދުގެ މޭޔަރަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ އެހަމަލާގައި 13 މީހަކު މަރުވެފައިވާ ކަމުގައެވެ. އަދި އިތުރު ސަލާމަތީ މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި އަނިޔާލިބުނު އަށް މީހުންގެ ތެރެއިން 2 މީހަކު މިހަމަލާގައި މަރުވެފައިވާ ކަމުގައެވެ. 

ބޮކޯ ހަރާމަކީ ނައިޖީރިއާގައި ވަކި އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް ހަނގުރާމަކުރާ ހަތިޔާރުއެޅި ނިރުނބަވެރި ޖަމާޢަތެކެވެ. އެޖަމާޢަތުން މިހަނގުރާމަކުރާތާ ދަހައަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. 

މިހަމަނުޖެހުމާއި ކުޝޫނަތްތެރި ހަމަލާތަކުގެ ތެރޭގައި 30،000 މީހުން މިހާތަނަށް މަރުވެފައިވެއެވެ. އަދި އެހަމަލާތަކުގެ ސަބަބުން އެތައް ބަޔަކުވަނީ ގެދޮރުން މަހުރޫމުވެ މަގުމަތިވެފައެވެ. އަދި އެހަމަލާތައް އަވައްޓެރި ކެމެރޫނާއި ނައިޖަރުގެ އިތުރަށް ޗާޑަށްވެސް ވާސިލުވެފައިވެއެވެ. 

ކެމެރަންގެ އުތުރުގައި އޮންނަ ލޭކް ޗާޑުގައި އޮންނަ ކުޑަ ރަށަކަށް ބޮކޯ ހަރާމުގެ ހަނގުރާމަވެރިން ކަމުގައި ބެލެވޭ ބަޔަކު އަރައި ދިން ހަމަލާތަކެއްގައި 24 މީހަކު 2019 ވަނަ އަހަރުގެ ޖޫން މަހުގައި ޤަތުލުކޮށްފައިވެއެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި މިލިޓަރީ ޕޯސްޓުތަކުގައި ތިބި ކެމަރޫނުގެ 16 ސިފައިން ހިމެނުނެވެ. 

ކިޔުންތެރިންގެ ހިޔާލު