ކޯޓުތަކުގެ އެޑުމިނިސްޓްރޭޓަރުން އައު އުސޫލެއްގެ ދަށުން ވަކިކުރާތީ ކަންބޮޑުވުން

ޙުސައިން އަފްޝަން 2 އޯގަސްޓު 2020 15:09
Flowers
ޑިޖޭއޭ/ ފޮޓޯ: އެޑިޝަން

ޑިޕާޓެމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އަލަށް އެކުލަވައިލި އުސޫލެއްގ ދަށުން ބައެއް ކޯޓުތަކުގެ އިދާރީ އެންމެ އިސް މުވައްޒަފުންގެ ގޮތުގައި ތިބި އެޑްމިނިސްޓްރޭޓަރުން މަޤާމުން ވަކިކުރާތީ އެކަމާމެދު އެމުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފިކަމަށް "މިހާރު" ނޫހުން ރިޕޯޓުކޮށްފިއެވެ. 

"މިހާރު" ނޫހުގެ ރިޕޯޓުގައި ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އެޑްމިނިސްޓްރޭޓަރަކާ ހަވާލާދީ ބުނެފައިވަނީ، އެމުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމީ ވަޒީފާގައި ތިއްބައި 6 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު، މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ އައު އުޞޫލެއް ހަދައިގެން ކަމުގައެވެ. އަދި ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަޤާމުވެސް ޗީފް އެޑްމިނިސްްރޭޓާގެ މަޤާމަށް ބަދަލުވެ ވަޒީފާގެ ދަރަޖަވެސް ދަށަށްދާ ކަމުގައި އޭނާ ވިދާޅުވިއެވެ. 

އަދި އޭގެ އިތުރުން "މިހާރު" ނޫހަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވީ މީގެ ތެރެއިން ވަރަށް ގިނަ މުވައްޒަފުންނަކީ 9 އަހަރު ނުވަތަ 10 އަހަރު އެވަޒީފާގައި ތިބެ، ފުރަތަމަ ޑިގުރީ ނުވަތަ މާސްޓާސްވެސް ޙާޞިލުކޮށްގެން މަސައްކަތްކުރާ މުވައްޒަފުން ކަމުގައެވެ. ދާއިމީ ވަޒީފާގައި އުޅެނިކޮށް ކުއްލިއަކަށް 6 މަހުގެ ޕްރޮބޭޝަނެއް ދިން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

އަދި މިޕްރޮބޭޝަނުގައި ތިބި ފަރާތްތައް ދާއިމީކުރުަމށް އޮންނަނީ މާކުސް ދޭ މިންގަނޑެއް ކަމުގައާއި، އެމިންގަނޑުވެސް އާންމުކޮށްފައިވަނީ ޕްރޮބޭޝަނުގެ މުއްދަތު ނިމެން އެންމެ ދެ ދުވަހަށްވެފައިވަނިކޮށް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ޕޮއިންޓު ދޭ އުޞޫލާމެދުވެސް ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމުގައި ފާހަގަކުރެއްވިއެވެ. 

"އޮކްޓޫބަރުން ފެށިގެން މާޗް މަހުގެ ނިޔަލަށް ޕްރޮބޭޝަން ހަމަވާ ގޮތަށް ތިބީ. އެކަމަކު ކޮވިޑާ ގުޅިގެން އަނެއްކާވެސް ތިން މަސް އިތުރުކުރީ. ޖުމްލަ ނުވަ މަސް ޕްރޮބޭޝަންގައި. ދެން ޖޫން 30 ގައި އެ މުއްދަތު ހަމަވީ އެކަމަކު މާކްސް ދޭނެ އުސޫލު އާންމުކުރީ އޭގެ ދެ ދުވަސް ކުރިން،" " މިހާރު ނޫހާ ވާހަކަދެއްކެވި އެޑްމިނިސްޓްރޭޓަރު ވިދާޅުވި އެވެ.

އަދި ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން މުރާޖަޢާކޮށްދިނުން އެދި ޑިޖޭއޭގައި ދެންނެވިނަމަވެސް އެކަން އަލުން ބަލައި މުރާޖަޢާކުރަންޖެހޭ ސަބަބެއް އަދި އެނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމުގައި އަންގާފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. 

ޑީޖޭއޭއިން ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރަން ނިންމި މުވައްޒަފުން ވަކިކުރަން ނިންމާފައިވަނީ އެކަމަށް ކަނޑައަޅައި އާންމުކުރި އުޞޫލުގެ ދަށުންނެވެ. 

ކިޔުންތެރިންގެ ހިޔާލު