އެކައުންޓުތައް ފުރީޒުކޮށްގެން 2 މިލިއަން ރުފިޔާ މީރާއިން ހޯދައިފި

އައިޝަތު ހަނާ 2 އޯގަސްޓު 2020 14:42
Flowers
މީރާ އިމާރާތް

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ދައުލަތުގެ ޓެކުސް އިދާރާ މީރާއިންކުރާ މަސައްކަތްތަކުގެ ތެރެިން ބޭންކު އެކައުންޓުތައް ފުރީޒުކޮށްގެން ދައުލަތަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދެ މިލިއަން ރުފިޔާ ހޯދައިފިއެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓާގެ މީރާ ރިޕޯޓު ބުނެފައިވަނީ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ ގޮތުން މީރާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޖުމްލަ 169.3 މިލިއަން ރުފިޔާ ހޯދާފައިވާ ކަމުގައެވެ. 

މީރާއިން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެކައުންޓުތައް ފުރީޒުކޮށްގެން 2 މިލިއަން ރުފިޔާ އަދި ޑަނިން ޕޮލިސީގެ ދަށުން 61.1 މިލިއަން ރުފިޔާ އަދި ގުޅައިގެންނާއި އީމެއިލު މެދުވެރިކޮށް ހަނދާންކޮށްދީގެން 71.2 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. އަދި ޑިއުސް ކުލިއަރެންސް ސިޔާސަތުގެ ދަށުން 31.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 

ޤާނޫނީ ފިޔަވަޅު އަޅައިގެން 6،000 ރުފިޔާ އަދި މީރާ އެރިއާސް ބޭނުންކޮށްގެން 155،174 ރުފިޔާ ހޯދާފައިވެއެވެ. ފައިނަލް ނޯޓިސް މީރާއިން ދީފައިވާ ފަރާތްތަކުގެ ތެރޭގައި، ބަޔާން ހުށަނާޅާ 2،938 މީހަކާއި ފައިސާ ނުދައްކާ 1،932 މީހުން ހިމެނޭ ކަމުގައި މީރާގެ ކުއާޓާލީ ރިޕޯޓުގައި ބުނެފައިވެއެވެ. 

އަދި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި 52 ފަރާތަކަށް ބަހާލައިގެން ޓެކުސް ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސައިދީފައެވެ. 

އަދި އެއިދާރާއިން ހިންގާ ތަހުގީގާއި އޮޑިޓުތަކަށްފަހު، 140 މީހަކަށް ޓެކުސް އިތުރަށް ދެއްކުމަށް އެއިދާރާއިން އަންގާފައިވާނެ ކަމުގައި މީރާއިން ބުނެއެވެ. އެގޮތުން 114.6 މިލިއަން ރުފިޔާ އިތުރަށް ޓެކުހުގެ ގޮތުގައި ދެއްކުމަށް އަންގާފައިވާނެ ކަމުގައިވެސް އެއިދާރާއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ހުދު ހުދު
ހުސްދޮގު މައުލޫމާތު. ޓެކްސް ނުދައްކާ ތިބޭ މީހުންގެ އަތުން ފައިސާ ހޯދަން ލިޔުމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކެއް އަޅައިފައިނުވޭ. ލާރިކޮޅެއް ލިބފައިވަނީ މީގެ ކުރިން އަޅައިފައިވާ ފިޔަވަޅުތަކުން ނުވީއްލާ ތިބި މަދު މީހެއްގެ އަތުން. ނުދައްކާ މަކަރު ހަދާ މީހުން އިންތިހާ އަށް ގިނަވެ ދަރަނި ވަނީ އަތްނުފޯރާފަށުގައި.