އެމެރިކާގައި ޓިކްޓޮކް މަނާ ކުރާނަން: ޓްރަމްޕް

މަރިޔަމް ލީނާ 1 އޯގަސްޓު 2020 15:43
Flowers
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގައި ޓިކްޓޮކް މަނާކުރަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެއްޖެއެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. ޓްރަމްޕް ޓިކްޓޮކް މަނާކުރާނެ ކަމަށް ވިދާޅުވެފައިވާއިރު އެމެރިކާގެ ބައެއް ކުންފުނިތަކުން ދަނީ ޓިކްޓޮކް ގަންނަން ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި މައިކްރޯސޮފްޓް ހިމެނެއެވެ. 

ޓްރަމްޕް ވަނީ މިއަދުގެ ވަގުތެއްގައިވެސް ޓިކްޓޮކް މަނާކޮށްފާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އެމެރިކާގެ ބައެއް ކުންފުނިތަކުން މަސައްކަތް ކުރަނީ ޓިކްޓޮކް ގަނެ، އެމެރިކާގައި ޓިކްޓޮކްގެ އޮޕަރޭޝަންސް އެ ކުންފުނިތަކުން ހިންގުމަށެވެ. ނަމަވެސް ޓްރަމްޕް ވަނީ އެފަދަ ގޮތަކަށް އަމަލު ކުރުމާއިވެސް ދެކޮޅު ހައްދަވާފައެވެ.

އެމެރިކާގެ ކަމާއި ބެހޭ ވުޒާރާތަކުން ދަނީ ޓިކްޓޮކް ބޭނުން ކޮށްގެން ފަރުދުންގެ ޒާތީ މައުލޫމާތު އެ ކުންފުނިން ބަލަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް ޓިކްޓޮކް އިން ވަނީ އެ އެޕްލިކޭޝަން ބޭނުން ކުރާ އެމެރިކާގެ ފަރާތްތަކުގެ މައުލޫމާތު ރައްކާކޮށްފައި ހުންނަނީވެސް އެމެރިކާގެ ސާވަރުތަކުގައި ކަން ފާހަގަކޮށްފައެވެ. 

ޗައިނާ އާއި އެމެރިކާ އާއި ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކަށް ދަނީ އަސަރު ކުރަމުންނެވެ. ދާދި ފަހުން އެމެރިކާއިން ވަނީ އެ ޤައުމުގައި ހުންނަ ޗައިނާގެ ކޮންސުލޭޓެއް ބަންދު ކުރަން އަންގާ އެތަން ބަންދު ކުރުވާފައެވެ. ޗައިނާއިންވެސް ވަނީ އޭގެ ބަދަލެއްގެ ގޮތުން ޗައިނާގައި ހުންނަ އެމެރިކާގެ ކޮންސުލޭޓެއް ބަންދުކުރުވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު