ރާއްޖޭގެ 50 އިންސައްތަ ރިސޯޓުވެސް އަދި ނުހުޅުވާ!

އައިޝަތު ހަނާ 1 އޯގަސްޓު 2020 15:10
Flowers
ރާއްޖޭގެ ރިސޯޓެއް

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް އޮޕަރޭޝަން ފަށާފައިވަނީ އެންމެ 61 ރިސޯޓުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގައި 150 އެއްހާ ރިސޯޓު ހިންގަމުން އަންނަ އިރު އަދި ހިދުމަތް ދެނީ 61 ރިސޯޓުން އެކަންޏެވެ.  ރިސޯޓުތަކުގެ އިތުރުން ރާއްޖޭގައި ގިނަ އަދަދެއްގެ ހޮޓާތަކާއި ގެސްޓު ހައުސްތައް ހުންނައިރު އަދި އެތަންތަން ހިންގުމުގެ ހުއްދަ ދީފައިނުވެއެވެ. ނަމަވެސް މީގެ ކުރިން ސަރުކާރުން ނިންމާފައިވަނީ 1 އޯގަސްޓުގައި ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަވެސް ދޭށެވެ.

ބޯޑަރުތައް ހުޅުވާލި ނަމަވެސް ރާއްޖެއަށް އަދި އަންނަނީ ވަރަށް މަދު އަދަދެއްގެ ފަތުރުވެރިންނެވެ. މިގޮތުން އަދި މިހާތަނަށް 2000 ފަތުރުވެރިންވެސް ރާއްޖެއަށް ނާންނަ ކަމަށްވެއެވެ. އާންމުކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 4000 އެއްހާ ފަތުރުވެރިން އާދެއެވެ. 

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް ކަމަށްވާ އިނގިރޭސިިވިލާތާއި، ޖަރުމަން އަދި އިޓަލީ ފަދަ ޤައުމުތަކުން އެންމެ ރިސްކު ކުޑަ ޤައުމުތަކުގެ ތެރޭގައި ކަނޑއަޅާފައިވާ ޤައުމުތަކުގެ ތެރޭގައި އަދިވެސް ރާއްޖެ ނުހިމެނެއެވެ. އެހެން ކަމުން ރާއްޖެއަށް ދަތުރުކޮށްފައި އެނބުރިދާ ކޮންމެ ފަތުރުވެރިއަކުވެސް އެ ޤައުމަށް ގޮސް 14 ދުވަސް ވަންދެން ކަރަންޓީނު ވާންޖެހޭނެއެވެ. 

ފަތުރުވެރިން އަންނަ މިންވަރު މަދު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރު ފަހުކޮޅު ރާއްޖޭގެ ރިސޯޓުތައް ފުރި އިޤްތިސާދު ބޫމް ވާނެކަމަށް ވިދާޅުވެފައެވެ. ކިޔުންތެރިންގެ ހިޔާލު