ފުލައިޓުން ބޭލުވީ ޕޮޒިޓިވްކަމަށް ބުނެ: ދަރިފުޅުގެ ފަރުވާ ލަސްވީ، ޕޮޒިޓިވެއް ނުވޭ

އައިޝަތު ހަނާ 30 ޖުލައި 2020 17:53
Flowers

އިއްޔެ އިންޑިޔާއަށް ފުރި ފުލައިޓު ހުއްޓުވައި އެފުލައިޓުން ބޭލި ދެމަފިރިންނާއި ތުއްތުކުއްޖާވެސް އެފުލައިޓުގައި ތިބީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ވީހާވެސް އަވަހަކަށް އެމަޖެންސީ ގޮތެއްގައި ހޯދަން އިންޑިޔާއަށް ދިއުން ލާޒިމުވެގެންނެވެ. ދެމަފިރިން ފުލައިޓަށް އެރީ ދަރިފުޅުގެ ފުއްޕާމޭގައި ކާއެތިކޮޅެއް ތާށވިގެން އެކަމާ ގުޅިގެން ހޯދަންޖެހޭ ފަރުވާ ކުއްލި ގޮތެއްގައި ހޯދަން އިންޑިޔާއަށް ދިއުމަށެވެ. ނަމަވެސް ދަތުރު މެދުތެރެއިން ދެމަފިރިން ޖެހުނީ ދަތުރު މެދުކަނޑައިލުމަށްފަހު މަތިންދާބޯޓުން ފައިބާށެވެ. ބޭލީއެވެ. ބޭލީ ދަރިފުޅުގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމުގައި ބުނެއެވެ. 

މިކަމުގައި ކަންވީ ގޮތުގެ ތަފުޞީލު އާއިލާގެ ފަރާތުން "ދިޔަރެސް" ނޫހާވަނީ ހިއްސާކޮށްފައެވެ. އެގޮތުން ތިންމައިން އެކީގައި ފުލައިޓަށް އެރިއިރު ދަރިފުޅުގެ ބައްޕައާއި ދަރިފުޅުގެ ނަތީޖާވަނީ ލިބިފައެވެ. އަންހެނުންގެ ނަތީޖާ އެއިރު ނުލިބެއެވެ. ނަމަވެސް އޭގެ ފަހުން ދަރިފުޅުގެ މަންމަގެ ބޭބެއަށް އާސަންދަ ކުންފުނިން ގުޅާފައި ބުނެފައިވަނީ ދަރިފުޅުގެ މަންމަ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމުގައެވެ. އަދި މަތިންދާބޯޓުން ބޭލުމަށެވެ. 

ދެމަފިރިން އިންޑިޔާއަށް ދާންޖެހުނީ ދަރިފުޅުގެ ފުއްޕާމޭގައި ކާއެތިކޮޅެއް ތާށިވެ، އެކަމުގައި އައިޖީއެމްއެޗުގައި ކުރި އޮޕަރޭޝަން ނާކާމިޔާބުވުމާ ގުޅިގެންނެވެ.  އައިޖީއެމްއެޗުން އެސާޖެރީ ހެދުމަށްފަހު، ސާޖެރީ ނާކާމިޔާބުވުމާ ގުޅިގެން އިތުރަށް އެސާޖަރީ އެހޮސްޕިޓަލުގައި ނުހަދާނެ ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ދަރިފުޅަށް ލިބުނު އަނިޔާގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދީފައިވެއެވެ. އަދި އެމަޖެންސީކޮށް ބޭރުން ފަރުވާކުރަންޖެހޭ ކަމަށް އެހޮސްޕިޓަލުން ބުނި ކަމުގައިވެސް އާއިލާއިން ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން ހޮސްޕިޓަލުން އާންމުކޮށް ބަޔާނެއްވެސް ނެރުނެވެ. 

ނަމަވެސް އާސަންދައިގެ އެހީ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންވެސް އައިޖީއެމްއެޗުން ލިބުނީ 3 ދުވަސް ފަހުން ކަމުގައި ޢާއިލާއިން މައުލޫމާތު ދިނެވެ. އަދި ކުއްޖާ ގޮވައިގެން ދިއުމަށް 14 ޖުލައިގައި އިންޑިޔާއަށް މީހުން ގޮވައިގެން ދިޔަ ފުލައިޓުން ޖާގައެއް ހަމަޖައްސައިދިނުމަށް އެދުނު ނަމަވެސް، އެކަން ކޮށްދެވެން ނެތް ކަމުގައި އާސަންދައިން ބުނި ކަމަށާއި، 29 ޖުލައިގައި އޮތް ފުލައިޓުން ޖާގަ ލިބުނީ ނުހަނު ބުރަ މަސައްކަތުން އެތައް ޕުރެޝަރުތަކެއް ކޮށްގެން ކަމަށްވެސް އާއިލާއިން ކިޔައިދިނެވެ. 

ޖާގަ ލިބުނު ނަމަވެސް އިތުރުކަންކަން ދިޔަ ގޮތުން ވާއެއްނުވާއެއް ނޭނގޭ ކަމަށްވެސް އާއިލާއިން ބުންޏެވެ. ހެނދުނު 10 ޖަހާއިރު ފުރާ ފުލައިޓުގެ ޓިކެޓު ދެމަފިރިންނަށް ލިބުނީ ފުރަން އޮތް ދުވަހުގެ ދަންވަރު 2.54 ގައެވެ. 

އެހެންވެ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތް ކޮށްގެން ހުރިހާ ކަމެއް ހަމަ ޖައްސައިގެން ސަރުކާރާއި އާސަންދަގެ އެހީތެރީކަމުގައި އިއްޔެ ފުރުމަށް ދަތުރު ހަމަޖެހިގެން ފުރަން ވެގެން ދިޔައީއެވެ. އެއީ އިތުރަށް ލަސްވާ ކޮންމެ ސިކުންތަކީ ވެސް އަޅުގަނޑުގެ ދަރިފުޅުގެ ފުއްޕާމޭގައި ތާށިވެފައިވާ ކާއެތިކޮޅުން އިތުރު ގެއްލުންތަކެއް އެކުއްޖާއަށް ލިބޭނެ އެއްޗަކަށް ވާތީއެވެ.

އަދި ފުލައިޓަށް އަރައި 10.30 ގައި ފޯނު ނިއްވައިލި ކަމަށާއި، އަންހެނުންގެ ޓެސްޓުގެ ނަތީޖާ ލިބިގެން ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭއިން އެންގީ އާސަންދައަށް ކަމަށާއި، އާސަންދައިން އެހީތެރިޔާގެ ގޮތުގައި ނޯޓުކޮށްފައިވާ އަންހެނުންގެ ބޭބެއަށް ގުޅީ ގާތްގަނޑަކަށް 11.11 ގައި ކަމަށާއި، އޭނާ ޕޮޒިޓިވްވެފައިވާ ކަމަށާއި ބޯޓުން ބާލާނެ ކަމަށް އާސަންދައިން މައުލޫމާތުދިނީ އެކޯލުގައި ކަމަށް އާއިލާއިން ބުނެއެވެ. 

ފުލައިޓުން ބޭލުމަށްފަހު އެޢާއިލާ ގެންދަނީ ގެސްޓު ހައުސްއަކަށް ކަމުގައި ބުނި ނަމަވެސް އެމްބިއުލާންސްގައި ފުރަތަމަ ގެންދިޔައީ ހުޅުލޭގައި ހުރި ތަނަކަށެވެ. އެތަނުން ގެނެސް ބޭލީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބަން ޚާއްޞަކޮށް ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ތަނަކަށެވެ. ކޮންމެ ދެ އެދެއްގެ މެދުގައި 3 ފޫޓުގެ ދުރުމިން ހުންނަ ގޮތަށް އެދުތައް ތަރުތީބުކޮށްފައިހުރި، އެމަރުކަޒުގައި ހައްތާވެސް ތިބީ އުމުރުން ދުވަސްވީ މީހުންނެވެ. އަންހެނުން ޕޮޒިޓިވްކަމަށް އެއިރު އާސަންދައިން ބުނި ނަމަވެސް ފިރިމީހާއާއި ތުއްތު ދަރިފުޅު ނެގެޓިވްކަމުގައި ކުރިންވެސް ބުނެފައި އޮތެވެ. ނަމަވެސް ނެގެޓިވްކަން ކުރިންވެސް އެނގޭ ދެބަފައިންވެސް ގެންގޮސް ވެއްދީ ބަލިޖެހިފައިވާ މީހުން ބައިތިއްބާ މަރުކަޒަށެވެ. 

ފިރިމީހާ އެތަނަށް ވަނުމާ ދެކޮޅު ހެދުމުން އެންމެ ފަހުން ދެމަފިރިންނާއި ދަރިފުޅު ގެންދިޔައީ ހުޅުމާލޭގައި ހުރި ގެސްޓު ހައުސްއަކަށެވެ. އެތަނަށް ގެންދިއުމުން ދެމަފިރިންނާއި ދަރިފުޅު އަލުން ޓެސްޓުކޮށްދިނުމަށް ޢާއިލާއިން އެދުނެވެ. ނަމަވެސް ފުރަތަމަ އެކަމަށް ކުރީ އިންކާރެވެ. ބުނެފައިވަނީ ކަރަންޓީނުގެ 14 ދުވަސް ފުރިހަމަވުމުގެ ކުރިން ޓެސްޓުނުކުރެވޭނެ ކަމުގައެވެ. ނަމަވެސް ދޫކޮށްނުލައި ދެމަފިރިން އާދޭސްކުރުމުން ދެވަނަ ފަހަރަށް ސާމްޕަލް ނެގިއެވެ. 1 އަހަރުވީ ތުއްތު ދަރިފުޅުގެވެސް ދެވަނަ ސާމްޕަލެއް ނެގިއެވެ. 

ފުލައިޓުގައި ތިއްބައި ފުލައިޓުން ބާލައި، ކޮވިޑް ބަލިޖެހިފައި ތިބި މީހުން ތިބޭ މަރުކަޒަކަށް ގެންގޮސް، ދެވަނަ ބުރަށް ސާމްޕަލް ނެގުމަށްފަހު، ރޭ ދަންވަރު 1.41 ގައި އެޗްޕީއޭއިން ފޮނުވި މެސެޖުގައި ބުނެފައިވަނީ ފުރަތަމަ ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމުގައެވެ. އަދި އޭގެ ފަހުން މިހާރު ދެމަފިރިންނާއި ދަރިފުޅުގެ ދެވަނަ ސާމްޕަލްގެ ނަތީޖާވެސްވަނީ ލިބިފައެވެ. އެންމެންވެސް ކޮވިޑް-19 އަށް ނެގެޓިވްއެވެ. 

ޢާއިލާއިން ބުނެފައިވަނީ ނަތީޖާ ނުލިބެނީސް ނުވަތަ ނަތީޖާ އޮޅުވާލައިގެން ނަމަވެސް ދަރިފުޅަށް މިހާރުން މިހާރަށް ބޭނުންވާ، އަދި ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ކުރި ދަތުރު މެދުކަނޑުވައިލުމަކީ ޢާއިލާއަށް ދިން އަނިޔާއެއް ކަމުގައެވެ. އައިޖީއެމްޗުގެ ޑޮކްޓަރުންގެ ލިޔެކިޔުންތަކުންވެސް އެނގޭ ގޮތުގައި އޮޕަރޭޝަން ލަސްވެއްޖެނަަމަ ބޮޑު ސާޖަރީއެއްކޮށް ދަރިފުޅުގެ ފުއްޕާމެއިން ބައެއް ނަގަން ޖެހިދާނެއެވެ. އެފަދަ ހާލަތެއްގައި ފަރުވާ ހޯދާން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާދެއްވިތާ 25 ދުވަސް ވެފައިވާއިރު، މިފަދަ ގޮތެއް މެދުވެރިވެ، ފުރަން ތައްޔާރުވެފައި ތިއްބައި ނުފުރޭ ގޮތްވުމުން އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. 

ޢާއިލާއިން ބުނެފައިވަނީ މިހުރިހާ ތަފުސީލުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަރިހުގައި ދަންނަވާނެ ކަމުގައެވެ. އަދި ބޭސްފަރުވާ ލިބުން ލަސްވެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ކުރިމަތިވެއްޖެނަމަ، ޤާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް އާއިލާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
މަރީ
ހާދަ ދެރަ އޭ މާތްﷲ ތު އްތު ފުރާނަ އަށް އަވަސް ޝިފާ ދެ އްވާނދޭވެ. އަދި ޒި އްމާދާރުކަމާ އެކީގަ މިފަދަ ކަންކަން ކުރުމަކީ ވ. މުހިންމު ކަމެ އްކަމުގަ އި ދެކެން
ކިނބޫ
އެވެސް ފަރުދީ ޒިންމާއޭ ކިޔާ. ޒިންމާ އަދާނުކުރެވޭއިރު އާންމުން ބޮލުގަ ހުރިހާ ކަމެއް އުވައިގެން ސިޔާސީ ކުޅި ކުޅެނީ ތިބެގެން. ތިހެން ހުރި އަދަދުތައް ކިޔައި މިތައްސަތޭކަ ޕޮޒިޓިވްއޭ ކޮންމެ ދުޗަހަކު ކިޔަސް އިތުބާރެއް ނެތް. ފޭކު ވަސް ދުވަނީ.