Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޚަރަދުބަރަދު ބަލަހައްޓަން އުދަގޫތަ؟ "ހޭދަ" އެޕަކީ މައްސަލައިގެ ހައްލު

ދިވެހި ސޮފްޓްވެއާ ޑިވެލޮޕަރު އަދި "ޖަވާބު" ކުންފުނީގެ އެއް މުއައްސިސް މުޙައްމަދު ޖައިލަމް އުފައްދާފައިވާ "ހޭދަ" އެޕަކީ ގިނަ ދިވެހިންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށް ހައްލު ހޯދައިދޭ އެޕެކެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މަސްތެރޭ ފައިސާ ހޭދަވާ ގޮތް ނޭނގުމާއި، ފައިސާ މެނޭޖުކުރާނެ ރަނގަޅު ހަރުދަނާ އިންތިޒާމެއް ނެތުމުގެ ޝަކުވާއަކީ ވަރަށް ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ޖައިލަމް ގެނެސްދިނީ މިޝަކުވާއަށް ހައްލެކެވެ.
މިހާރު ގޫގުލް އެޕް ސްޓޯރު މެދުވެރިކޮށް ފޯނަށް ޑައުންލޯޑުކުރެވޭ މިއެޕަކީ ތިބާގެ ޚަރަދުބަރަދު ބެލެހެއްޓުމުގައި މަދަދުވެރިވާނެ އެހީތެރިޔެކެވެ. އެގޮތުން އެއްވެސް މާލީ މުޢާމަލާތެއް ތިބާގެ ކާޑު މެދުވެރިކޮށް ހިންގައިފިނަމަ، އެމުޢާމަލާތާ ގުޅިގެން ތިބާގެ ފޯނަށް ބޭންކް އޮފް މޯލްޑިވްސްގެ 4445+ ނަންބަރު އަދި 4445 ނަންބަރުން އަންނަ އެސްއެމްސްތައް މިއެޕުން ކިޔާނެއެވެ. އެއެސްއެމްސްތަކުގައި ހުންނަ މައުލޫމާތު އެޕުން ޖަމާކުރާނެއެވެ.
އެސްއެމްސްތައް މެދުވެރިކޮށް ލިބޭ މައުލޫމާތު ޖަމާކުރުމަށްފަހު އެމައުލޫމާތު އެޕު ބޭނުންކުރާ މީހާއަށް ފެންނާނެ ގޮތަށް ތަރުތީބުކޮށްދޭނެއެވެ. އެގޮތުން ހިންގި ފައިސާގެ މުއާމަލާތަކީ ކޮބައިކަން ފެންނަން ހުންނާނެއެވެ. އޭޓީއެމުން ފައިސާ ނެގި ޢަދަދާއި ފައިސާ ނެގި ވަގުތާއި، ފިހާރަ ރެސްޓޯރެންޓު ފަދަ ތަންތަނަށް ކުރާ ހޭދައާއި ހޭދަކުރި މިންވަރު ވަގުތުން ވަގުތަށް އެޕުން ދައްކައިދޭނެއެވެ.
ހަމައެހެންމެ މިގޮތަށް ހިންގާ ފައިސާގެ މުޢާމަލާތްތައް ބައިބައަށް ބަހައިލާ އެބައިތައް ފެންނަ ގޮތަށް ޝާއިޢުވާނެއެވެ. ކާބޯތަކެތި ގަތުމަށް، އަންނައުނަށް އަދި ރެސްޓޯރެންޓުތަކުގައި ކޮފީއާއި ކެއުމަށް ކުރެވޭ ހޭދަ ސާފުކޮށް ފެންނަން ހުންނާނެއެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ދުވަހުގެ ޚަރަދު ބަލައިލެވޭނެއެވެ.
"ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން މިއެޕު އުފެއްދި ޒުވާން ޑިވޮލޮޕަރު ޖައިލަމް ވިދާޅުވީ ގިނަ ބަޔަކު މިއެޕު ބަލައިގެންފައިވާ ކަމުގައެވެ. ޚާއްޞަކޮށް މިއެޕުން އޮޓެމެޓިކުކޮށް މީހުންގެ މާލީ މުޢާމަލާތްތަކުގެ ތަފުސީލުތައް ފެންނަން ހުންނާތީ ގިނަ ބަޔަކު އެކަން ބަލައިގަނެފައިވާ ކަމުގައި ޖައިލަމް ވިދާޅުވިއެވެ. އާނާ ވިދާޅުވި ގޮތުގައި މިއެޕު އުފައްދަން ޖެހުނީ އަމިއްލަ ދިރިއުޅުމުގައިވެސް ހޭދަތައް ބެލެހެއްޓުން ދަތިވާތީއާއި މަސް ނިންމާއިރު ހޭދަކުރެވުނު ގޮތް ނޭނގޭތީ އެކަމަށް ހައްލެއް ހޯދުމަށް ބޭނުންވެފައިވުމުގެ ސަބަބުން ކަމުގައެވެ.
ޖައިލަމް އިތުރަށް ވިދާޅުވި ގޮތުގައި މިއެޕުން އެއްކުރާ މައުލޫމާތަކީ ކުރިން ދެންނެވި ދެ ނަންބަރުން ލިބޭ އެސްއެމްއެސްގައި އެކުލެވޭ މައުލޫމާތު އެކަންޏެވެ. އެޕު ބޭނުންކުރާ މީހާގެ ނަމެއް، މެއިލް އެޑްރެހެއް އަދި އެނޫން އެއްވެސް މައުލޫމާތެއް ނުހޯދާނެ ކަމަށާއި މައުލޫމާތު އެޕަށް ނެގޭނީ އެޕު ބޭނުންކުރާ މީހާ އެކަމަށް ހުއްދަ ދިނުމުން ކަމުގައިވެސް އޭނާ ބުންޏެވެ. އަދި މިއެޕަށް އެމައުލޫމާތު ނެގުމުގެ ހުއްދަ ދީފައިވަނީ މިފަދަ އެޕުތަކަށް މައުލޫމާތު ނެގުމުގެ ހުއްދަ ދިނުމަށް ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ގޫގުލްއިން މިއެޕުގެ ކޯޑު ބެލުމަށް ފަހުގައި ކަމަށްވެސް ޖައިލަމް ވިދާޅުވިއެވެ.
ޖައިލަމް ޔަޤީންކަން ދެއްވި ގޮތުގައި އެޕު ބޭނުންކުރާ މީހެއްގެ ޝަޚުޞީ އެއްވެސް މައުލޫމާތެއް އެއެޕަކުން ނުހޯދާނެއެވެ. އަދި އެޕަކަށް އެފަދަ މައުލޫމާތެއް ނުވެސް ބެލޭނެއެވެ.
އަދި މިއެޕުން އެއްކުރާ މައުލޫމާތުތަކުން ދިވެހިންގެ މާލީ ސުލޫކު (ފައިނޭންޝަލް ބިހޭވިއާ) ހުންނަ ގޮތް އެނގޭނެ ކަމަށާއި އެމައުލޫމާތުތައް ކުރިއަށް އޮތްތަނުގައި ހޭދަ ވެބްސައިޓުގައި ޝާއިޢުކުރައްވަން ވިސްނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެޕުން އެއްކުރާ މައުލޫމާތުތަކުގެ ތެރެއިން ޝާއިޢުކުރާނީ ވަރަށް ޢާންމު މައުލޫމާތު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެހިން ފައިސާ ހޭދަކުރާ ކަންކަމާއި، ހޭދަކުރާ މިންވަރުތައް އެއްކުރެވި ހާމަކުރި ނަމަވެސް ވަކިވަކި މީހުންގެ އެފަދަ ތަފުސީލުތަކެއް އެއްކުރާ މައުލޫމާތުން ނޭނގޭނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މާލީ ކަންކަން ބެލެހެއްޓުމާއި ފައިސާ ހޭދަކުރެވޭ ގޮތް ދެނެގަނެ ފައިސާ ރައްކާކުރުމަށް ބޭނުންވާ ފަރާތްތަކަށް "ހޭދަ" އެޕަކީ ވަރަށް ބޭނުންތެރި، މުހިއްމު އާލަތަކަށްވާނެއެވެ. މިލިންކުން "ހޭދަ" އެޕް ޑައުންލޯޑުކުރައްވާށެވެ.
މި ލިއުމާއި ގުޅޭ