ބޭސްފަރުވާއަށް ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރަންޖެހޭ: ރައީސް ޑރ.ވަޙީދު

ޙުސައިން އަފްޝަން 15 ޖުލައި 2020 09:24
Flowers

ރައީސް ޔާމީނަށް ބޭސްފަރުވާކުރުމަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ކޯލިޝަނުގެ މުސްތަޝާރު ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. 

މިފަދައިން ވަޙީދު ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައިވާ ގޮތުގައި ރައީސް ޔާމީނުގެ ޞިއްޙީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ރައީސް ޔާމީނުގެ އެންމެ ފުރަތަަމ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ހިންގަވައި އުޅުއްވަންވެސް މިހާރު ދަތިފުޅު ކަމުގައެވެ. 

މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުގެ ފަރާތުންވަނީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުން އެދި ރައީސް ސޯލިހާއި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އަށްވެސް ސިޓީ ފޮނުވާފައެވެ. އެގޮތުން ކޮވިޑް-19 ކަންކަމުގެ ތެރޭގައާއި ނިމިދިޔަ ރަމަޟާން މަހުގައި އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން އަދި އެމަނިކުފާނުގެ ޢާއިލާއިންވެސް އެދިފައިވެއެވެ. 

ރައީސް ޔާމީނުގެ ބަލި ޙާލަތު ހުރި ގޮތުން ބޭސްފަރުވާއަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކުރުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމުގައި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު ވިދާޅުވިއެވެ. އެމަނިކުފާނުގެ އިތުރަށްވެސް އިދިކޮޅުގެ ގިނަ ސިޔާސީ ލީޑަރުންވަނީ ރައީސް ޔާމީނު ގެކޮޅަށް ބަދަލުކުރުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ.  

ކިޔުންތެރިންގެ ހިޔާލު