ގަވަރުނަރު ވިދާޅުވަނީ ބޭނުން ބަޔަކަށް ޑޮލަރު ލިބޭ ކަމަށް!

އާމިނަތު ޝިމާ 10 ޖުލައި 2020 21:48
Flowers
ގަވަރުނަރު އަލީ ހާޝިމް އަދި ރައީސް ސޯލިހް

ރާއްޖޭގެ އިޤްތިސާދަށް ހީނަރުކަން އައިސްފައި އޮތް ނަމަވެސް ވިޔަފާރި ތަކަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ. 

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އަލީ ހާޝިމް ވިދާޅުވީ ގައުމުތަކުގެ ބޯޑަރު ބަންދުކުރެވިފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ޑޮލަރު ވަނީ ހުއްޓިފައިކަމަށެވެ. އެހެން ނަމަވެސް ޑިމާންޑާއި އެއްވަރަށް ޑޮލަރު ފޯރުކޮށްދެމުން އަންނަ ކަމަށް ހާޝިމް ވިދާޅުވިއެވެ.

މިގޮތުން މިހާރުވެސް ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ދޫކުރަމުން އަންނަ ކަމަށެވެ. 

"މިހާރުވެސް ކޮވިޑް ހާލަތާ ގުޅިގެން އާންމު ވިޔަފާރިތަކަށާއި، އެކ އެސްއޯއީތަކަށް ޑޮލަރު ފޯރުކޮށްފިނުމަށް ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް މިދަނީ ޑޮލަރު ދޫކުރަމުން. މިގޮތުން ކާނާގެ ބާވަތްތަކާއި ބޭސްފަދަ ޒަރޫރީ ތަކެތި އެތެރެ ކުރުމަށް ހާއްސަކޮށްގެން ޑޮލަރު މިގެންދަނީ ދޫކުރަމުން" އަލީ ހާޝިމް ވިދާޅުވެފައިވެއެވެ.

އަލީ ހާޝިމް މިމޭރުމުން ވިދާޅުވި ނަމަވެސް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ދަނީ ޑޮލަރުގެ ތާށިކަން ވަރަށް ބޮޑަށް ހުރިކަން ފާހަގަކުރަމުންނެވެ. "ދިޔަރެސް" އާއި ވާހަކަ ދެއްކި ރާއްޖޭގެ އެންމެ ބޮޑު މުދާ އެތެރެ ކުރާ އެއް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި ބޭންކުތަކުން އެ ކުންފުނީގެ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ދޫނުކުރެއެވެ. އަދި ކަޅު ބާޒާރުންވެސް ޑޮލަރު ހޯދަން އިންތިހާއަށް ދަތިކަން އޭނާ ފާހަގަކުރެއްވިއެވެ. 

މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް ވެސް ޓުވިޓާގައި ފާހަގަކުރެއްވި ގޮތުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 18 ރުފިޔާއަށް ވުރެ މަތީގައެވެ. ގިނަ ވިޔަފާރިތަކުން ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ކަމަށްވާއިރު ބޭނުންވާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެވޭ ކަމަށް ގަވަރުނަރު ވިދާޅުވީ ކީއްވެގެން ކަމެއް ނޭނގެއެވެ. 

ރާއްޖޭގައި ޑޮލަރުގެ އަގު މީގެ ކުރިން މިހާ ބޮޑަށް އުފުލުނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ހުންނެވީ ފިނޭންސް މިނިސްޓަރުކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޕިސް
ކޮންތާކުން؟ ބްލެކް މާކެޓުން؟؟