Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސިނގިރެޓު ޑިއުޓީއިން 50 އިންސައްތަ އުނިކުރުން: އެމްޑީޕީގެ އިސްފަރާތްތަކަށް ބޮޑު މަންފާއެއް!

ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ އައްޑޫ އަދި ކުޅުދުއްފުށީ ޕޯޓަށް އެތެރެ ކުރާ ބައެއް ބާވަތްތަކުގެ މުދަލުން 50 އިންސައްތަ ޑިއުޓީ ކަނޑާލަން ފާސްކޮށްފައެވެ. އެކި ބާވަތްތަކުގެ މުދަލުން ޑިއުޓީ ކަނޑާލަން ނިންމި އިރު އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ ތަކެތި ހިމެނެއެވެ. މިވަގުތު ދުންފަތާއި އެ ބާވަތުގެ ތަކެތިން 200 އިންސައްތަ ޑިއުޓީނަގައެވެ. އެކަމަކު ދެން އިމްޕޯޓު އެކްސްޕޯޓު ޤާނޫނަށް މި ގެނައި އިސްލާހު ފާސްވުމުން ދެން ކުޅުދުއްފުއްޓާއި އައްޑޫއަށް ގެންނަ ދުންފަތުގެ ބާވަތްތަކުން 50 އިންސައްތަ ޑިއުޓީ ކެނޑޭނެއެވެ.
މި އިސްލާހާއި އެކު ސިނގިރެޓު އެތެރެކުރާ ކުންފުނިތަކަށް ބޮޑުފައިދާއެއް ވާނެއެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އެތެރެކުރަނީ ރޫޓު ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ މައި ކުންފުނި ސީޖީޓީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކަކީ އެމްޑީޕީއަށް ހަރަދު ކުރާ ފަރާތްތަކެވެ. މިގޮތުން ސީޖީޓީގެ އެއް ހިއްސާދާރު ކަމަށްވާ އަހްމަދު މައުސޫމަކީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) ގެ މަޤާމުގައި ކުރިން ހުންނެވި ފަރާތެކެވެ. އަދި އެމްޑީޕީއަށް ފައިސާ ހޯދުމަށް އިސްކޮށް މަސައްކަތް ކުރާ ފަރާތެކެވެ. އެމްޑީޕީގެ އޯޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުގައި ފާއިތުވި ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކެމްޕެއިނަށްވެސް މައުސޫމް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. މައުސޫމު މިވަގުތު ހުންނަނީ އެމްޑަބްލިއުއެސްސީގެ ބޯޑުގެ ޗެއަރމަނަކަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ޗީފް އޮފް ސްޓާފްކަންވެސް މައުސޫމް ކުރެއްވިއެވެ. ޤާނޫނަށް މި ގެނައި އިސްލާހާއި އެކު މައުސޫމްގެ ކުންފުނީގެ ވިޔަފާރިއަށް ލިބޭފައިދާ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. މިހާރުވެސް ސީޖީޓީއިން ސިނގިރެޓު އެތެރެ ކުރަނީ ކުޅުދުއްފުށީ ޕޯޓަށެވެ. އަދި މާލެއާއި އެހެން ތަންތަނަށް ގެންދަނީ އެތަނުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ބަދަލު ދިން ކުންފުނިތަކުގެ ތެރޭގައިވެސް މައުސޫމްގެ ސީޖީޓީ ހިމެނެއެވެ. މިގޮތުން އެ ކުންފުންޏަށް 22.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނެވެ.
ސީޖީޓީގެ އިތުރުން ރާއްޖެއަށް ދުންފަތުގެ ބާވަތް އެތެރެ ކުރާ އެހެން ކުންފުންޏެއް ކަމަށްވާ އޯސީސީ އަކީވެސް އެމްޑީޕީ މެމްބަރެއްގެ ކުންފުންޏެކެވެ. މިގޮތުން އޯސީސީގެ މެނޭޖިން ޑިރެކްޓަރަކީ ފުވައްމުލަކު ދެކުނު ދާއިރާ މެމްބަރު މުހައްމަދު މުމްތާޒެވެ. މި ކުންފުންޏަކީ މުމްތާޒާއި އެހެން މީހަކު ހިއްސާވެގެން ދުންފަތާއި އެފަދަ ބާވަތްތައް އެތެރެކުރާ ކުންފުންޏެކެވެ. ޑިއުޓީ މާފު ކުރުމަށް ގެނައި އިސްލާހާއި އެކު މި ކުންފުުންޏަށްވެސް ބޮޑު ފައިދާއެއްވާނެއެވެ.
އެމްޑީޕީގެ ކުރީގެ ވެރިކަމުގައިވެސް އެމްޑީޕީއަށް މާލީ ގޮތުން އެހީތެރިވާ ކުންފުނިތަކަށް މާލީ ގޮތުން ފައިދާވާ ގޮތަށް ޤާނޫނުތަކަށް އިސްލާހުގެނެސްފައިވާކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ