ރައީސް ޔާމީންގެ މައްޗަށް އުފުލި ދަޢުވާއާ ގުޅިގެން ޕީޖީއާ ބައްދަލުކުރައްވަން އިދިކޮޅުގެ އިސްވެރިން ވަޑައިގެންފި

ޙުސައިން އަފްޝަން 7 ޖުލައި 2020 11:38
Flowers
ޕީޖީއާ ބައްދަލުކުރައްވަން އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ޕީޖީ އޮފީހަށް ވަޑައިގެން

އިދިކޮޅު އިއްތިޙާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމާ ބައްދަލުކުރެއްވުމަށް އިދިކޮޅު އިއްތިޙާދުގެ އިސްވެރިން ވަޑައިގެންފިއެވެ. 

އެބޭފުޅުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމާ ބައްދަލުކުރައްވަން ވަޑައިގެންނެވީ ރައީސް ޔާމީނުގެ މައްޗަށް ކުއްލި ގޮތަކަށް އުފުލާފައިވާ ދަޢުވާއާ ގުޅިގެން އެކަމާ ގުޅޭ ވާހަކަތައް ދެއްކެވުމަށެވެ. މީގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ލަސްވާތީ އެކަމާ ގުޅިގެން ހައިކޯޓުގެ ރެޖިސްޓަރާއާ ބައްދަލުކުރެއްވުމަށްވެސް އެބޭފުޅުން ވަޑައިގަތެވެ. ނަމަވެސް އެދުވަހު ރެޖިސްޓަރާ ބައްދަލުކުރައްވާފައިނުވެއެވެ. 

މިދިޔަ މަހުގެ 28 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ދެ ދަޢުވާއެއް ޕީޖީ އޮފީހުން ކުރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. އެގޮތުން ރައީސް ޔާމީނުގެ މައްޗަށް ޕީޖީން އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ރ.ފުއްގިރި ފަޅު ރަށް ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްގެން ލިބުނު 1،117،000 ޑޮލަރު، މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑާކުރުމަށް ފަށަލަކޮށްފައިވާ ކަމުގެ ތުހުމަތުގައި، މަނީ ލޯންޑަރިންއާއި ރިޝްވަތުގެ ދަޢުވާއެވެ.

އަދި ޕީޖީން ބުނެފައިވަނީ މިމައްސަލައަކީ ފުލުހުންނާއި ދައުލަތުން ވަގަށް ނަގާފައިވާ ފައިސާއާއި މުދާ ހޯދުމަށް ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގެއް ކަމުގައެވެ. އަދި އެތަހުގީގުކުރި އިންވެސްޓިގޭޓަރުންގެ މަސައްކަތް ފާހަގަކޮށް ޕީޖީން އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

މިމައްސަލާގައި ރައީސް ޔާމީނުގެ އިތުރަށް އަޙްމަދު ކްރިކް ރިޟާގެ އިތުރަށް ސަންގެ ދެ ކުންފުނި ކަމުގައިވާ ސަން ކޮންސްޓްރަކްޝަންއާއި ސަން ޕްރައިވެޓް ލިމިޓިޑަށް ދަޢުވާ އުފުލާފައިވެއެވެ. އަދި މިމައްސަލާގައި ދައުލަތުން ބޮޑެތި އަދަދުގެ ފައިސާ ހޯދަން ހުށަހަޅާފައިވެއެވެ.

އެގޮތުން 1.3 މިލިއަން ޑޮލަރަކީ މިމުޢާމަލާތުގެ ތެރޭގައި ދައުލަތުން ގެއްލިފައިވާ މިންވަރު ކަމަށާއި، އެފައިސާގެ އިތުރަށް، އެފައިސާއާ އެއްކޮށްފައިވަނީ 2.2 މިލިއަން ޑޮލަރު ކަމުގައިވެސް ޕީޖީން ބުނެފައިވެއެވެ. އަދި ކުށުގެ ޖޫރިމަނާގެ ގޮތުގައި 35 މިލިއަން ޑޮލަރު ހޯދައިދިނުމަށް ދައުލަތުން އެދިފައިވެއެވެ.

މިމައްސަލާގައި ދައުވާ އުފުލާފައިވާ ސަންގެ ދެ ކުންފުނިންވެސް ވަނީ އެދަޢުވާއަކީ ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ދެ ދައުވާ ނޫން ކަމަށް ބުނެފައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިދައުވާއަކީ ސަރުކާރަށް ފިއްތުންތައް ބޮޑުވުމުން ސަރުކާރުން އެދިގެން ޕީޖީން ހުށަހަޅާފައިވާ ދެ ދައުވާ ކަމުގައެވެ.  

ކިޔުންތެރިންގެ ހިޔާލު