ހިޔާ ފްލެޓަކަށް 11،000 ރުފިޔާ އަރާގޮތެއް އަސްލަމްއަށް އެނގިވަޑައިނުގަތް!

ޖާއިޝް ތައުފީޤް 6 ޖުލައި 2020 12:34
Flowers
ހައުސިން މިނިސްޓަރު އަސްލަމް. ފޮޓޯ:މުހައްމަދު އައުޒަމް

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ބިނާކޮށްފައިވާ ހިޔާ ފްލެޓުތަކުގެ މަހު ކުލީގެ ގޮތުގައި 11،000 ރުފިޔާ އަރާގޮތް ހައުސިން މިނިސްޓަރު އަސްލަމްއަށް އެނގިވަޑައިނުގަތެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދިޔަރެސް" ނޫހުން ވަނީ އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތާއި ނުލާއި، މިހާރު ހުރި ގޮތަށް ދޭނަމަވެސް 11،000 ރުފިޔާ އަރާކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަށާއި އެގޮތަށް 11،000 ރުފިޔާ އަރަނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ. 

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެގޮތަށް ވިދާޅުވި ކަމެއް ހަނދާނެއް ނެތް ކަމަށެވެ. އަދި އެއަށްފަހު އަސްލަމް ވިދާޅުވީ 9 ލައްކަ ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނެގުމުން ވެސް 20 އަހަރު ތެރޭގައި މިހާރު ހުރި އިންޓަރެސްޓު ރޭޓުން މަހެއްގެ މައްޗަށް 10،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހިޔާ ފްލެޓު އަޅަން ލޯނު ނެގީ ބޭންކް އޮފް މޯލްޑިވްސް އިން ނޫން ކަމާއި ޗައިނާގެ ބޭންކަކުން ކަން ހަނދާކޮށްދިނުމުންވެސް އަސްލަމް ވަނީ 9 ލައްކަ ރުފިޔާގެ ލޯނެއްގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

ހިޔާ ފެލްޓުތައް ފިނިޝިން މަސައްކަތާ ނުލާ ޖުމްލަ ޖެހެނީ 952،000 ރުފިޔާއެވެ. މިދިޔަ މަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި މިހާރު އެހުރި ގޮތަށް، ކޮސްޓް ޕްރައިސްގައި ދޭނަމަވެސް 11،000 ރުފިޔާ އަރާނެއެވެ. އެހެން ކަމަށް ވާނަމަ 20 އަހަރު ތެރޭގައި ފްލެޓުގެ އަގު 2.6 މިލިއަން ރުފިޔާއަށް އަރާނެއެވެ. 

ތަކުރާރުކޮށް ރައީސް އެގޮތަށް ވިދާޅުވި ކަމަށާއި، އެހެން އެގޮތަށް 11،000 ރުފިޔާ އަރާނީ ކިހިނެއްތޯ ސުވާލު ކުރުމުންވެސް މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސް އެހެން ވިދާޅުވި ކަމެއް ހަނދާނެއް ނެތް ކަމަށެވެ.

ހިޔާ ފްލްޓުތަކާއި ގުޅޭ ގޮތުން ސަރުކާރުން ދައްކަމުންދާ ވާހަކަތައް ދަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިގޮތުން އެންމެ ކުރިން ސަރުކާރުން ބުނިގޮތުގައި އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމާފައި ހަވާލު ކުރާނަމަ ފްލެޓުގެ އަގުގެ ގޮތުގައި 11،000 ރުފިޔާ އަރާނެ ކަމަށެވެ. ނަމަވެސް ފަހުން ރައީސް ސޯލިހް ވަނީ ފިނިޝިން އާއި ނުލާވެސް އެވަރު އަރާނެކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މިއަދު އަނެއްކާ މިނިސްޓަރު އަސްލަމް ވަނީ ރައީސް އެހެން ވިދާޅުވިކަމެއް ހަނދާން ނެތް ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ބިސް
މިމީހުނަށްތަ ދެންވެސް ވޯޓު ދޭންވީ؟