މެމްބަރު ރިޒާގެ ކުންފުންޏަށް ވަނީ ފައިސާ ދީފަ: ސީލް މޯލްޑިވްސް

މުހައްމަދު އިޝާން 3 ޖުލައި 2020 16:13
Flowers
މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ- އަލީ ރިޒާގެ ވާހަކަތަށް ސީލް މޯލްޑިވްސް ކުންފުނިން ވަނީ ދޮގުކޮށްފަ-

ބ. އަތޮޅު ބޮޑު ފިނޮޅުގައި ރިޒޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުންފުނި ކަމަށްވާ ރިޒް ކުންފުންޏަށް ފައިސާ ދީފައިވާ ކަމަށް ބޮޑު ފިނޮޅުގެ ޑިވޮލޮޕާ ސީލް މޯލްޑިވްސް ކުންފުނިން ބުނެފި އެވެ.

ބޮޑި ފިނޮޅުގައި ތިބި މެމްބަރު ރިޒާ ކުންފުނީގެ މުވައްޒިފުން ވަނީ އެރަށުގައި މަސައްކަތް ކުރަމުންދިޔަ ދިވެހި މުވައްޒިފުންތަކެއް ރަހީނު ކޮށްފަ އެވެ. އެމީހުން ވަނީ މިހާރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފަ އެވެ. އަދި 19 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފަ އެވެ.

މިކަމާ ގުޅިގެން ރިޒާ ރޭގެ ވަގުތެއްގައި ވިދާޅުވެފައިވަނީ، ބިދޭސީން ދިވެހިން ރަހީނު ކޮށްފައިވަނީ މުސާރު ލިބުން ލަސްވުމާ ގުޅިގެން ކަމަށެވެ. އަދި މުސާރަ ނުދެވި ލަސްވީ ރަށުގެ ޑިވޮލޮޕާގެ ފަރާތުން ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށެވެ. ރިޒާ ވިދާޅުވި ގޮތުންނަމަ ބިދޭސީ މުވައްޒިފުންނަށް މުސާރަ ނުދޭތާ ވަނީ ހަތަރު މަސްވެފަ އެވެ. މިކަމާ ގުޅިގެން ބިދޭސީން ހަމަނުޖެހުން ހިންގަން އުޅޭކަން ރިޒާއަށް އެގޭއިރު އެކަން ވަނީ ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ.

ރިޒާގެ މި ވާހަކަތަކާ ގުޅިގެން ރަށުގެ ޑިޕޮލޮޕާ ކުންފުނި ކަމަށްވާ ސީލް މޯލްޑިވްސްގެ ކުންފުނީގެ ވަކީލުން ބުނެފައިވަނީ، ރިޒާގެ ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ. އަދި ދޭން ޖެހޭ އަދަދަށްވުރެ އިތުރަށް ވެސް ފައިސާ ދީފައިވާނެ ކަމަށެވެ.

ސީލް ކުންފުނީގެ ވަކީލުން ބުނެފައިވަނީ، ރިޒް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފައިވަނީ ބޮޑު ފިނޮޅުގެ މަސައްކަތުގެ ތެރެއިން ވަރަށް ކުޑަ މަސައްކަތެއް ކަމަށެވެ. އެގޮތުން އެ މަސައްކަތް ފުރިހަމަކުރުމުން ދައްކަން ޖެހެނީ 12 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ސީލް ކުންފުނިން ރިޒް ކުންފުންޏަށް 21 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ސީލް ކުންފުނީގެ ވަކީލުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ރިޒް ކުންފުންޏަށް ބޮޑު ފިނޮޅުގައި ތިބި މުވައްޒިފުންގެ މުސާރެ ދެވެން ޖެހޭނެ ކަމަށް ސީލް ކުންފުނީގެ ވަކީލުން ވަނީ ބުނެފަ އެވެ. އަދި މުވައްޒިފުންނަށް އިހްމާލުވުމުގެ ފުރިހަމަ ޒިންމާ ރިޒް ކުންފުނިން ނަގަން ޖެހޭއިރު އެކަން ސީލް ކުންފުނީގެ ބޮލުގައި ނޭޅުވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސީޅް ކުންފުނީގެ ވަކީލުން ބުނެފައިވާ ގޮތުގައި ރިޒް ކުންފުނީގެ މުވައްޒިފުންގެ ގޮތުގައި ބޮޑު ފިނޮޅުގައި ތިބީ ލިޔެކިޔުން ނެތް ބިދޭސިން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މުވައްޒިފުންގެ އަތުގައި ވޯކް ވިސާވެސް ނެތް ކަމަށެވެ. ސީލް ކުންފުނީގެ ވަކީލުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން މުވައްޒިފުންގެ އިންޝުއަރެންސް ކަންތައްވެސް ރިޒް ކުންފުނިން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
އަބްދޫ
މަޖިލީހުގެ މެމްބަރަުކަން ހޯދުމަށް ފައިސާހަރަދުކުރީ ބިދޭސީންގެ މުސާރަކޮޅުންބާ ؟