ކެންޔާގެ އަންހެންމީހާ މޫދަށް ފުންމާލި ސަބަބު ނޭނގޭ ކަމަށް ފުލުހުން ބުނެފި

މުޙައްމަދު ޒައިދު 1 ޖުލައި 2020 19:28
Flowers
މަޖިލިހުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއިން ޖިންސީ އަނިޔާ ލިބުނު ކެންޔާގެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބު ނޭނގޭ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި މަންނާނު ވިދާޅުވެފައިވަނީ އަންހެން މީހާ މޫދަށް ފުންމާލާނީ ސަބަބެއް އޮވެގެން ކަމަށާއި، ނަމަވެސް ފުންމާލި ސަބަބު ނޭނގޭކަމަށާއި އެކަމަށް ޖަވާބު އެރުވެން ނެތްކަމަށެވެ. 

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާއާއި ގުޅިގެން ހޯމަ ދުވަހު ނެރުނު ބަޔާނުގައި އަންހެން މީހާ މޫދަށް ފުންމާލައިފައިވަނީ ހައްޔަރު ކުރެވުނު ދެމީހުންގެ ފަރާތުން އަނިޔާލިބި، އިތުރު އަނިޔާއެއް ލިބިދާނެކަމަށް ސަލާމަތްވުމުގެ ގޮތުންކަމަށް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. 

މިއަދުގެ ކޮމިޓީގައި މަންނާނު ވިދާޅުވެފައިވަނީ އަންހެން މީހާ ފުލުހުންނަށް ފެނުނު އިރުވެސް ހުރީ ތެމިފައި ކަމަށާއި، އަދި އަންހެން މީހާ މޫދަށް ފުންމާލި ކަމަށް ބަޔާނުގައި ވާ ކަމަށެވެ. އަދި މެޑިކަލް ޓެސްޓު ހެދުމުގެ ކުރިން އަންހެން މީހާގެ އެދުމުގެ މަތިން އޭނާގެ ލިތެކިޔުންތައް ނަގަން ފުލުހުންނާއެކު އޭނާ ދިރިއުޅޭ ތަނަށް ގޮސްފައިވާ ކަމަށެވެ. އަދި ގެއަށްގޮސް ހެދުން ބަދަލުކޮށް ހެދުމަށްފަހު ފުލުހުން އަންހެންމީހާ ގޮވައިގެން ޓެސްތު ހެދުމަށް ހޮސްޕިޓަލަށް ދިޔަކަމަށާއި، އެކަމަށް ހޭދަވި ވަގުތުގެ ސަބަބުން އެއްވެސް ހެއްކަކަށް އަސަރު ނުކުރާނޭ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބައެއް ނޫސްތަކުން ވަނީ އަންހެންމީހާއާއި އިންޓަވިއުކޮށް އޭނާގެ ފޮޓޯވެސް އާއްމު ކޮށްފައެވެ. އަދި އަންހެން މީހާ "މިހާރު" ނޫހާ ވާހަކަދައްކަމުން ބުނެފައިވަނީ އޭނާ ސަފާރީން ފުންމައިލީ ދެވަނަ ފަހަރަށްވެސް އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގައި މިމައްސަލާގައި ތުހުމަތުވާ މީހުން ބީހިދާނެ ކަމުގެ ބިރަށް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު