ހެކިން ކޯޓަށް ހާޒިރުކުރުމުގައި އެކި ކޯޓުން ކަންކުރަނީ އެކި ގޮތަށް: ޖޭއެސްސީ

ހަޔާ ޔޫސުފް 1 ޖުލައި 2020 10:12
Flowers
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުން

ހެކިން ހާޒިރުކުރުމުގައި އެކި ކޯޓުން ކަންކުރަމުންދަނީ އެކި ގޮތަށް ކަމުގައާއި، އަދި އެއް ކޯޓެއްގެ ތަފާތު ފަނޑިޔާރުންވެސް އަމަލުކުރަނީ ތަފާތު ގޮތްތަކަށް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީއިން މިފަދައިން ބުނެފައިވަނީ މިއަދު އެކޮމިޝަނުން ރައްޔިތުން މަޖިލިހަށް ފޮނުވި ސިޓީއެއްގައެވެ. އެސިޓީގައި އެކޮމިޝަނުން ފާހަގަކުރި ގޮތުގައި ކޯޓަށް ހެކިން ހާޒިރުކުރުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކޯޓުތަކަށް ލިބިދީފައިވާ ބާރެއް ކަމުގައެވެ. 

އަދި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 25 ވަނަ ބާބުގައި ކޯޓަށް ހެކިން ހާޒިރުކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއާތުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމުގައާއި އަދި ކޯޓަށް ހާޒިރުނުވާން އެންގުމުން ހެއްކަކު ކޯޓަށް ހާޒިރުނުވެއްޖެނަމަ އެކަމުގެ މައްޗަށް ތަރުތީބުވާނެ ނަތީޖާތައްވެސް ބަޔާންކޮށްފައިވާ ކަމުގައި އެސިޓީގައި ޖޭއެސްސީން ބުނެފައިވެއެވެ. 

އެގޮތުން ކޯޓުން ހެކިން ހާޒިރުކުރުމުގައާއި ހެކިންގެ ހެކިބަސް ނެގުމުގައި ކޯޓުން އަމަލުކުރާ ގޮތުން މައްސަލަތައް ދިގުލައިގެން ދާކަންވެސް އެކޮމިޝަނަށް ފާހަގަކުރެވޭ ކަމުގައި އެކޮމިޝަނުގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. 

ހަމައެހެންމެ ހެކިބަސް ނުދިނުމާއި ހެކިބަސް ފޮރުވުމަކީ ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ކުށެއް ކަމަށްވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް ކުރިމިނަލް ކޯޓުތަކުގެ ނިންމުންތަކަށް ބަލާއިރު ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ބޭނުންނުވާ ކަމުގައި ބުނެ، ނުވަތަ ކޯޓުން ހެކިބަސް ދިނުމަށް އެންގުމުން ހެކި ބަސް ދޭން އުޒުރުވެރިވާކަން ލިޔުމުން އެންގުމުން އެކަން ކޯޓުން ބަލައިގަންނަނީ ކަމުގައެވެ. އަދި މިހާރު މިގޮތަށް އެހެން ކޯޓުތަކުންވެސް އަމަލުކުރާކަން ޖޭއެސްސީން ފާހަގަކުރިއެވެ. 

ޖޭއެސްސީން އެކަންކަން މަޖިލިހުގެ ސަމާލުކަމަށް ގެނައުމުގައި ބުނެފައިވަނީ މިމައްސަލައަށް ޤާނޫނީ ހައްލުތަކެއް ހޯދަން ޖެހިފައިވާ ކަމުގައެވެ. އަދި ޖިނާއީ އިޖުރާއާތުގެ ގަވާއިދު އިސްލާހުކުރުމުން މިކަން އިސްލާހުވާނެ ކަމުގައިވެސް އެސިޓީގައި ކޮމިޝަނުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު