ކޮންގޯގައި ބެލްޖިއަމް އިން ހިންގި ޤަތުލުއާންމަށް ބެލްޖިއަމްގެ ރަސްގެފާނު މާފަށް އެދިވަޑައިގެންފި

ޙުސައިން އަފްޝަން 1 ޖުލައި 2020 09:00
Flowers
ކޮންގޯގެ ރައީސްގެ ދެ ކަނބަލުން އަދި ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް

ކޮންގޯގައި ބެލްޖިއަމްގެ ކުރީގެ ރަސްގެފާނު ހިންގި ޤަތުލުއާންމަށް އެ ޤައުމުގެ މިހާރުގެ ރަސްގެފާނު މާފަށް އެދިވަޑައިގެންފިއެވެ.

ކޮންގޯގެ ކުރީގެ ރަސްގެފާނު ލިއޯޕޮލްޑް 2 ގެ ރަސްކަމުގައި ކޮންގޯގައި އެތައް މިލިއަން ބަޔަކު ވަނީ ޤަތުލުކުރެވިފައެވެ. އަދި އިންސާނިއްޔަތާއި ހިލާފު އެތައް އަނިޔާއެއް ކޮންގޯގެ ރައްޔިތުންނަށް ލިބުނެވެ.

ބެލްޖިއަމްގެ މިހާރުގެ ރަސްގެފާނު ފިލިޕް ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީށް ފީލިކްސް ޝިސްކެޑީއަށް މާފަށް އެދި ސިޓީއެއް ފޮނުވާފައެވެ. ބެލްޖިއަމުގެ އަތްދަށުން ކޮންގޯ މިނިވަންވީ 1960 ވަނަ އަހަރުގައެވެ. ބެލްޖިއަމްގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު ކޮންގޯގެ ރައްޔިތުންނަށް އަނިޔާ ލިބުނު ކަމަށާއި ލަދުވެތި ކަންކަމާއި ކުރިމަތިލާން ޖެހުނު ކަން ޤަބޫލު ކުރައްވާކަމަށް ފިލިޕްގެ ސިޓީގައި ބުނެފައިވެއެވެ. އަދި އެކަންކަމާއި ގުޅިގެން ތެދަށް ވާހަކަ ދައްކަން ޖެހޭނެކަމަށް ވެސް ފިލިޕް ބުނެފައިވެއެވެ.

ލިއޮޕޮލްޑް 2 ކޮންގޯ ގެންގުޅުނީ އޭނާގެ އަމިއްލަ މުދަލެއްގެ ގޮތުގައެވެ. އޭރު ކޮންގޯ އިން ލިބެން ހުރި މައުދަންތަކާއި ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ބެލްޖިއަމް ވަރަށް ބޮޑަށް މުއްސަނދިވިއެވެ.

ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ބެލްޖިއަމްގެ އެކި ތަންތާ ހުންނަ ލިއޮޕޮލްޑްގެ ބުދުތައް ނެގުމަށާއި އޭނާގެ ނަމުން ނަން ދީފައިވާ ތަންތަނުގެ ނަން ބަދަލު ކުރުމަށް މުޒާހަރާވެރިން ވަނީ ގޮވާލާފައެވެ.

ބެލްޖިއަމްގެ މިހާރުގެ ރަސްގެފާނު ފިލިޕް، ކޮންގޯއަށް މާފަށް އެދި ސިޓީއެއް ފޮނުވުން ވެފައިވަނީ ތާރީހީ ކަމަކަށެވެ. ސަބަބަކީ މިހާތަނަށް ބެލްޖިއަމްގެ ރަސްކަލަކު މިގޮތަށް ކޮންގޯގެ ކިބައިން މާފަށް އެދިފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު