މަޖިލިހަށް ހައްދެއް ނެތް މިންވަރަށް ބާރު ލިބިދީފައި ނުވާކަން ބާކައުންސިލުން ހަނދާންކޮށްދީފި

އިބްރާހިމް އާދަމް 30 ޖޫން 2020 22:08
Flowers
ބާކައުންސިލްގެ މެމްބަރުން ރައީސް ސޯލިހާއި ބައްދަލު ކުރައްވަނީ

ރައްޔިތުންގެ މަޖިލިހަށް ހައްދެއް ނެތް މިންވަރަށް ބާރު ލިބިދީފައި ނުވާކަން ބާ ކައުންސިލް އޮފް ދަ މޯލްޑިވްސް އިން ހަނދާކޮށްދީފިއެވެ.

ބާ ކައުންސިލުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި، އެ ކައުންސިުން ވަނީ، ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މަޖިލިހުން ކުރައްވަމުން ގެންދަވާ އިންކުއަރީ އާ ގުޅޭ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއިން ކަންބޮޑުވުން ފާޅުކުރާކަމަށް ބުނެފައެވެ.

މިގޮތުން، ފުލުހުން ޤާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު އެކަން ކުރަންވާނީ ހިނގަމުންދާ ތަހުގީގަކަށް އަސަރު ނުކުރާނެ ފަދައިން އަދި ހުރަސް ނޭޅޭނެ ގޮތެއްގެ މަތިންކަމަށް ބާކައުންސިލުން ބުނެފައިވެއެވެ. އަދި އެ ގޮތުން ޤާނޫނު އަސާސީގެ 5، 6 އަދި 7 ވަނަ މާއްދާއަށާއި  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-AD/37 (29 މެއި 2020) އިސްތިޝާރީ ލަފާގެ 8 ވަނަ ނަންބަރުގެ (ނ) އާ ޙަވާލާދީ، ދައުލަތުގެ ތިން ބާރު ވަކިކުރެވިފައި އޮންނަ އުޞޫލަށާއި، މިއިން ކޮންމެ ބާރަކަށްވެސް ބާރު ލިބިދީފައިވަނީ ޤާނޫނުއަސާސީއިން ސަރީޚަ ބަހުން އެފަރާތަކަށް ބާރުތައް ދީފައިވާ މިންވަރަށްކަން ހަނދާންކޮށްދޭ ކަމަށް ބާކައުންސިލުން ބުނެފައިވެއެވެ. 

"އަދި ޖިނާއީ ކުށްތައް ތަޙުޤީޤުކުރުމުގެ ބާރުދީފައިވަނީ ފުލުހުންނަށް ކަމަށް ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ޖިނާއީ ތަޙުޤީޤުތައް ކުރިއަށްދަނީ ޤާނޫނުގައިވާ ގޮތަށްކަން ބެލުމުގެ ބާރު ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) ގައި ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިބިދޭކަމަށް ބަޔާންކޮށްފައި އޮންނަ އޮތުން މަޖިލީހުގެ ސަމާލުކަމަށް ގެންނަން" ބާކައުންސިލުން ޓުވީޓުކޮށްފައިވެއެވެ. 

އަދި މި މައްސަލައިގެ އިންކުއަރީ ހިންގުމުގައި، ޤާނޫނު އަސާސީގެ  5، 6، 7 ވަނަ މާއްދާ އާއި 244 ވަނަ މާއްދާގެ (ނ) އާއި 241 އަދި 242 ވަނަ މާއްދާގައި ބަޔާންކުރާ އިންތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން އިންކުއަރީހިންގެވުމަށް މަޖިލީހަށް ލިބިދޭ ބާރުތައް ބޭނުންކުރެއްވުމަށް ސަމާލުކަންދެއްވުމަށް ބާކައުންސިލުން ވަނީ މަޖިލިހަށް ގޮވާލާފައެވެ. 

ރޭޕް ކޭސް އާއި އަދި އެހެނިހެން ކަންކަމާއި ގުޅިގެންވެސް މަޖިލިހުން އަމަލުކުރަމުންދާ ގޮތާއި މެދު ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
އައި
ދެބަން ދިހާރުގަ އިންނަ ރައީސެއް ވާނުވާ ގަ ހީވަނީ ތިމާގޭ ބަދިގެ ހެން
އައްޔު
ހަދާނަށް އަންނަނީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ޕާޓީގެ އޭރުގެ ޕީޖީލީޑަރުގެ ކޮއްކޮއެއްގެ މައްޗަށް ކުޑަކުއްޖަކާއިމެދު ބަދުއަޚުލާގީ އަމަލުހިންގި ކަމުގެ ތުހުމަތު ކުރެވުނުހިނދު ހައްޔަރުކުރެވުނުގޮތަށް ޝަރީއަތްނިމެންދެން އަދިވެސްއޮތީ ގޮޅީގައި. އޭރު ކޮރަޕްޝަނޭ ހުރިހާ މުއައްސަސާތަކެއް ރައީސް ޔާމީނުގެ މުށުތެރޭގައޭ ކިޔާގޮވި އެމްޑީޕީ މިއަދުވެރިކަމުގައިއޮވެ މުއައްސަސާތަށް މިނިވަންވެފައި މުއައްސަސާތަށް ނުފިރުކި ބޯކޮޅަށް ވެއްޓިފައިމިވަނީ ކޮންފަދަ މަޖުބޫރަކުންތޯ ރައްޔިތުން ސުވާލު ކުރަންއެބަޖެހޭ ރައްޔިތުންނޭ އިންސާފޭކިޔާ ގޮވުމަކީ އިންސާފު ޤާއިމް ކުރުވޭނެކަމެއްނޫންކަން މިއަދު އިނގޭނެ