އެފްރިކާ ކަޕް އޮފް ނޭޝަންސް 2022 ވަނަ އަހަރަށް ފަސްކޮށްފި

ޖާއިޝް ތައުފީޤް 30 ޖޫން 2020 22:30
Flowers
2017 ވަނަ އަހަރު ބޭއްވުނު އެފްރިކާ ކަޕް އޮފް ނޭޝަންސް ގެ ފައިނަލް މެޗަށްފަހު

އެފްރިކާ ބައްރުގެ އެންމެ މޮޅު ޤައުމީ ފުޓުބޯޅަ ޓީމުތައް ވާދަކުރާ އެފްރިކާ ކަޕް އޮފް ނޭޝަންސް 2022 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

ކޮންމެ 2 އަހަރަކުން 1 އަހަރު ބާއްވަމުން އަންނަ މި މުބާރާތް 2022 ވަަނަ އަހަރުގެ ޖެނުއަރީއަށް ފަސްކުރީ ކޮވިޑު-19 އާއި ގުޅިގެންނެވެ. ކުރިން އެ މުބާރާތް ބާއްވަން ހަމަޖެހިފައިއޮތީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ މުބާރާތުގައި 24 ޓީމު ކުޅެން ހަމަޖެހިފައި އޮތް އިރު މުބާރާތް ބާއްވަން ރާވާފައި އޮތީ ކެމަރޫންގައެވެ. 

އަދި އޭގެ ފަހުން 2023 ވަނަ އަހަރު އައިވަރީ ކޯސްޓުގައި ވެސް އެ މުބާރާޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް 2021 ވަނަ އަހަރު ބާއްވަން އޮތް މުބާރާތް 2022 ވަނަ އަހަރަށް ފަސް ވުމުން 2023 ވަނަ އަހަރު މުބާރާތެއް އޮންނާނެ ކަމެއް އަދި ނޭނގެއެވެ. ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން އަދި މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ. 

މީއީ ބަލިމަޑުކަމަކާއި ގުޅިގެން މި މުބާރާތް ފަސްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2015 ވަނަ އަހަރު އެ މުބާރާތުގެ ފައިނަލް ބާއްވަން އޮތް މޮރޮކޯ ވަނީ އެބޯލާ ބަލިމަޑުކަމުގެ ބިރަށް އެ މުބާރާތް އެ ޤައުމުގައި ބާއްވަން ދެކޮޅު ހަދާފައެވެ.

މިއަހަރު ބާއްވަން ހަމަޖެހިފައި ހުރި ވަރަށް ގިނަ ބައިނަލްއަޤްވާމީ އިވެންޓުތައް ވަނީ ފަސްކުރެވިފައެވެ. މިގޮތުން ޖަޕާނުގައި ބޭއްވުމަށް ތާވަލް ކުރެވުނު އޮލިމްޕިކްސް ވެސް ވަނީ ފަސްކުރެވިފައެވެ. 

ކިޔުންތެރިންގެ ހިޔާލު