"ރޯޔަލް ފެމިލީ" ހިމާޔަތްކުރުން ހުއްޓައިލާ: މުޒާހަރާވެރިން

ޙުސައިން އަފްޝަން 29 ޖޫން 2020 18:19
Flowers
މިއަދުގެ މުޒާހަރާ ތެރެއިން

މާލޭ ބޭރު މަގު ބޮޑުތަކުރުފާނު މަގުގައި ރޭޕާ ދެކޮޅަށް ގިނަ ޢަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ. އަދި މުޒާހަރާގެ ބައިވެރިންދަނީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން މަޤާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

މުޒާހަރާވެރިންވަނީ "ޝާހީ" ޢާއިލާތަކަށް ނިސްބަތްވާ މީހުން ހިމާޔަތްނުކުރުމަށާއި އެފަދަ މީހުންނާމެދު ތުހުމަތުވާ މައްސަލަތައްވެސް ތަފާތުކުރުމެއް ނެތި ތަހުޤީޤުކުރުމަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ. 

މިއަދު ބާއްވާ މުޒާހަރާއަކީ މިމަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕުކުރަން އުޅުނު ކަމުގައި ތުހުމަތުވާ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކުރުމަށްފަހު ދޫކޮށްލުމާ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.

މުޒާހަރާވެރިންވަނީ ސީޕީ ހަމީދާއި ފުލުހުންގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވައިލުމުގެ އިތުރަށް، މަޖިލިހާއި ފުލުހުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށާއި، ހެކި ފޮރުވުމަށް ޖާގަ ނުދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ. އަދި ރޭޕުކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގުކުރުމަށްވެސް މުޒާހަރާވެރިންވަނީ ގޮވާލާފައެވެ.

އަދި މިކަމުގައި ޒިންމާ އުފުލާނީ ކާކުތޯވެސް މުޒާހަރާވެރިން ވަނީ ސުވާލު އުފައްދާފައެވެ. އަދި ޖިންސީ ގޯނާގެ މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްނުލުމަށާއި އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށްވެސް މިއަދުގެ މުޒާހަރާގައި މުޒާހަރާވެރިން ގޮވާލާފައިވެއެވެ.

ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕުކުރަން އުޅުނުކަމަށް ތުހުމަތުވާ ދެމީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ދޫކޮށްލީ އެދެމީހުން ބަންދުގައި ބޭތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމުގައި ބުނެއެވެ. މިއަދު މިހާރު ނޫހަށް ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމުގައި ބުނެވޭ އަންހެން މީހާ ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އޭނާ ރޭޕުކޮށްފައިނުވާ ކަމުގައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގައި ބީހި އަތްލުމުން ދެވަނަ ފަހަރަށްވެސް އެކަންކޮށްފާނެ ކަމަށް ހީވެ މޫދަށް ފުންމައިލި ކަމުގައި އޭނާ ބުނެފައިވެއެވެ.

އަދި އޭގެ އިތުރަށް ބޯޑަރުތައް ހުޅުވައިލުމާއެކު ރާއްޖެއިން ފުރައިގެން އަނބުރާ ޤައުމަށް އޭނާގެ ދަރިފުޅު ކައިރިއަށް ދާން ނިންމާފައިވާ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ. އަދި އޭގެ އިތުރަށް މިމައްސަލާގައި ތުހުމަތުވާ ދެ މީހުންގެ މައްޗަށް ދަޢުވާކުރަން އޭނާ ބޭނުންނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު
ހަސަނޭ
މީވެސް ކަމެއްތަ؟