ޖިންސީ އަނިޔާ ލިބުނު އަންހެން މީހާއާއި ފުލުހުން މަޖިލިހަށް ހާޒިރުކުރަނީ

އައިޝަތު ހަނާ 29 ޖޫން 2020 16:51
Flowers
ރައްޔިތުން މަޖިލިހުގެ ކޮމިޓީ

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާއާއި އެމައްސަލާގައި ޝާމިލުވާ ފުލުހުން މަޖިލިހަށް ހާޒިރުކޮށް ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ސާފުކުރުމަށް މަޖިލިހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފިއެވެ. 

މިމައްސަލާގައި މިއަދު މަޖިލިހުގެ ހިއުމަންރައިޓްސް ކޮމިޓީ ކުރިއަށް ގެންގޮސްފައިވަނީ އެކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދު ހިމެނިވަޑައިނުގެންނެވެ. އެއީ މިމައްސަލާގައި ޖީހާނުގެ ނުފޫޒު އޮތް ކަމުގައި ތުހުމަތުވާތީއެވެ. ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދެވިއިރު ރިޔާސަތުގައި އިންނެވީ މަޖިލިހުގެ ވައިކަރަދޫ ދާއިރާ މެންބަރު އަޙްމަދު ޒިޔާދެވެ. 

ހުރިހާ މެންބަރުންވެސް ފުލުހުން މިމައްސަލަ ނުބައްލަވާ ކަމުގައި ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިމައްސަލާގައި ފުލުހުންގެ ޢަމަލު ހުރީ މިފަދަ މައްސަލައެއްގައި ފުލުހުންގެ އަމަލުތައް ހުންނަންވާނެ ގޮތަކަށް ނޫން ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. 

ކޮމިޓީން ނިންމާފައިވަނީ މިމައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމުގައި ބެލެވޭ އަންހެން މީހާގެ ޙައްޤުތައް ކަށަވަރުވިތޯ ބެލުމަށައި ކަމާ ބެހޭ އިދާރާތައް ޒިންމާދާރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އަދި އަންހެން މީހާ ބޭނުންވާނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް ކޮމިޓީއަށް ހާޒިރުކުރަންވެސް ފާސްކޮށްފައިވެއެވެ. 

އަދި މިމައްސަލާގައި ސީނަށް ދިޔަ ފުލުހުންނާއި ފުލުސް މަރުކަޒާ ހަވާލުވެ ހުންނެވި އޮފިސަރު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށްވެސް މަޖިލިހުން ނިންމާފައިވެއެވެ. އަދި މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ގާތުން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދުމަށްވެސް ނިންމާފައިވެއެވެ. ހަމައެހެންމެ މިމައްސަލައާ ގުޅިގެން ދޮގު ޚަބަރު ފެތުރުން ހުއްޓުވައިދިނުމަށް ބްރޯޑްކޮމްއާއި މީޑިޔާ ކައުންސިލްގައި އެދުމަށް ސިޓީއެއް ފޮނުވަންވެސް ފާސްކުރިއެވެ. 

މިމައްސަލާގައި ޝިކާރައަކަށްވި ކަމުގައި ބުނާ އަންހެން ކުއްޖާ މިއަދު "މިހާރު" ނޫހަށް ދިން ބަސްދީގަތުމެއްގައި މިމައްސަލާގައި އިތުރަށް ދަޢުވާކުރަން އޭނާ ބޭނުންނުވާ ކަމުގައި ބުނެފައިވެއެވެ. އަދި ކުރިން "މެންދުރު" ނޫހުން އޭނާއާ ހަވާލާދީ ލިޔެފައިވާ ޚަބަރުގައި އެކުލެވޭ ވަރަށް ގިނަ ކަންކަން އޭނާވަނީ ދޮގުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢަލީ ނޫރު
އަދިވެސް އަނިޔާ ލިބުނު މީހާ ހާޒިރުކުރަންވީ؟ ކީއްވެހޭ މުޖުރިމުން ހައްޔަރު ނުކުރަނީ!!