Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަރުކާރުގެ ކޮންމެ ވިޔާނުދާ ކަމެއް ފޮރުވަން ބޭނުންކުރަނީ ރައީސް ޔާމީން: އިދިކޮޅު

މިސަރުކާރުން ކުރާ ކޮންމެ ވިޔާނުދާ ކަމެއް ވަންހަނާކޮށް ފޮރުވަން ސަރުކާރުން ބޭނުންކުރަނީ ރައީސް ޔާމީން ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުގެ ފަރާތުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިހާރުގެ ސަރުކާރުން ކުރާ ކޮންމެ ވިޔާނުދާ ކަމެއް ފޮރުވުމަށް ބޭނުންކުރަމުންދަނީ ރައީސް ޔާމީން ކަމުގައެވެ.
އެގޮތުން މިހާރު ސަރުކާރުން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއަކީ މިހާރު ކުރިމަތިވެފައި އޮތް ރޭޕް ކޭސް އޮއްބާލުމަށާއި، ސަރުކާރު ފޭލިވަމުންދާ ކަން ވަންހަނާކުރުމަށް ކުރާ ދެ ދަޢުވާ ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އޭގެ އިތުރަށް ޢަބްދުއްރަހީމް ވިދާޅުވީ ހިޔާ ފުލެޓުތަކުގެ މައްސަލައަކީވެސް މިސަރުކާރުން އެކި ގޮތްތަށް ބަދަލުކޮށްގެންވެސް ކުރިއެެރުމެއް ނުލިބުނު ކަމެއް ކަމުގައެވެ. އެހެންކަމުން އެކަންކަމުން މީހުންގެ ސަމާލުކަން އަނބުރައިލުމަށް ބޭނުންކުރަނީ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ސަރުކާރަށް ރައްޔިތުންގެ ކަންބޮޑުވުމާއި ފާޑުކިޔުން އަމާޒުވާ ކޮންމެ ފަހަރަކު އެކަމުން ސަލާމަތްވުމަށް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރަނީ ރައީސް ޔާމީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއާއެކު މިއަދުވެސް އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ލިބޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައެވެ. ހުރިހާ ކަމެއް ހިންގަނީ ޚުދުމުޚުތާރުކަމާއެކު އިންސާފުން ބޭރުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް އަބްދުއްރަހީމްވަނީ ފުލުސް ކޮމިޝަނާ މުޙައްމަދު ޙަމީދު (އެމްސީ)އާއި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޙަމީދު ހުންނަވަންޖެހޭނީ ސަސްޕެންޑުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އެމްޑީއެންއިން އެކުލަވައިލި ރިޕޯޓު އެކުލަވައިލިއިރު އެޖަމްޢިއްޔާގެ އިސް މަގާމެއްގައި ހަމީދު ހުންނެވުމާއި، މަސްތުވާތަކެތީގެ ބޭނުންކޮށް ޕާޓީކުރާ މަންޒަރު ފެންނަ ވީޑިޔޯއެއްގައި ހަމީދު ކަމަށް ޝައްކުވާ މީހަކު ހުންނަތަން ފެނި އެއީ ހަމީދުކަމަށް ތުހުމަތުވާތީ ކަމުގައިވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެމައްސަލަތައް ބަލައި ނިމެންދެން ހަމީދު ހުންނަވަންވާނީ ސަސްޕެންޝަނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީ ހުސައިން ޝަމީމަކީ މުސްތަޤިއްލު މިނިވަން ބޭފުޅެއް ނޫންކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ. އަދި ޕީޖީއަށް ފާޑުވިދާޅުވަމުން ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ ޕީޖީއަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ތުހުމަތުވާ ފަރާތްތައް ތަމްސީލުކޮށްފައިވާ ފަރާތެއް ކަމުގައެވެ. އަދި އެއިރު އެފަރާތްތަކުގެ އަތުން ޕީޖީއަށް ލިބިވަޑައިގެންނެވި ފައިސާއާމެދު ސަޢީދުވަނީ ސުވާލު އުފައްދަވާފައެވެ.
ޢަބްދުއްރަހީމުގެ އިތުރަށް ސަޢީދުވެސް ވިދާޅުވި ގޮތުގައި ވަކި މައްސަލަތަކެއްގައި ވަކި ބައެއްގެ މައްޗަށް ޕީޖީ ދަޢުވާނުކުރައްވައި އަނެއް ބައެއްގެ މައްޗަށް ދަޢުވާކުރައްވައެވެ. އަދުރޭ ވިދާޅުވި ގޮތުގައި ޕީޖީ އެގޮތަށް ދަޢުވާކުރައްވަނީ ގުޅާފައި އެންގުމުންނެވެ.
މި ލިއުމާއި ގުޅޭ