ރޭޕް ކުރުމާއި ދެކޮޅަށް މާދަމާ ބޮޑު މުޒާހަރާއެއް!

މަރިޔަމް ލީނާ 28 ޖޫން 2020 18:56
Flowers

ރޭޕް ކުރުމާއި ދެކޮޅަށް މާދަމާ މާލޭގައި މުޒާހަރާއެއް ކުރުމަށް ނިންމައިފިއެވެ.

މި މުޒާހަރާ ކުރަން ހަމަޖެހިފައިވަނީ ޖެންޑާ މިނިސްޓްރީ ދޮށުގައެވެ. އަދި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 1600 ގައެވެ. މުޒާހަރާ އިންތިޒާމު ކުރަނީ ވޮއިސް އޮފް ޗިލްޑްރެންގެ ނަމުގައި ހިނގަމުން އަންނަ ހަރަކާތުންނެވެ. އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އިކްލީލާ ހަމީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދިންގޮތުގައި، އެ މުޒާހަރާގައި ރޭޕް ކުރުމާއި ދެކޮޅަށް އަޑު އުފުލާނެއެވެ. 

މައިގަނޑު ގޮތެއްގައި އަޑު އުފުލުމަށް ހަމަޖެހިފައިވަނީ މިދިޔަ ހުކުރު ދުވަހު ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރު ކުރި މީހުން ދޫކޮށްލުމުން ކަމަށްވެއެވެ. ވޮއިސް އޮފް ޗިލްޑްރެން އިންވަނީ މި އަހަރު ކުރީކޮޅު ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައާއި ގުޅިގެންވެސް ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރާކޮށްފައެވެ. 

މި މައްސަލާގައި މިހާތަނަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. މިގޮތުން މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރީ ކުށުގެ ވެށިންކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުން ހައްޔަރުން ދޫކޮށްލީ ހައްޔަރުކޮށްފައި ބަހައްޓަން ޖެހޭ ސަބަބެއް ނެތިގެންކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެކަމުގައި ޝާމިލުވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުން އޮންނަ ދެ މީހަކު ކަމަށް މީސްމީޑިއާގައި ތުހުމަތުތައް ކުރެވެމުން ދިޔަ ނަމަވެސް ފުލުހުން އެކަމުގައި އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.

ތުހުމަތު ކުރެވޭ ފަރާތްތައް ދޫކޮށްލީ ކޮމިޝަނަރ އޮފް ޕޮލިސް މުހަައްމަދު ހަމީދުގެ ނުފޫޒުންކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެކަންވެސް ދޮގުކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ


ކިޔުންތެރިންގެ ހިޔާލު