ސަފާރީގައި ރޭޕްކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި

އައިޝަތު ހަނާ 28 ޖޫން 2020 13:17
Flowers
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާމިނަތު އީނާސް އަދި ނައިބު ރައީސް މުހައްމަދު ޒާހިދު

މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަލަންފަށައިފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް ފަޟްލާ އަޚްމަދު ޝަހީމް ވިދާޅުވީ އެޗްއާރުސީއެމް އިން ދަނީ އެ މައްސަލަ ބަލަމުން ކަމަށެވެ. އޭގެ ތަފްސީލަކަށް އެހުމުން ފަޟްލާ ވިދާޅުވީ ބަލަމުންދާ މައްސަލައެއް ކަމުން އެ މައްސަލައިގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރީ ކުށުގެ ވެށިންކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުން ހައްޔަރުން ދޫކޮށްލީ ހައްޔަރުކޮށްފައި ބަހައްޓަން ޖެހޭ ސަބަބެއް ނެތިގެންކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެކަމުގައި ޝާމިލުވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުން އޮންނަ ދެ މީހަކު ކަމަށް މީސްމީޑިއާގައި ތުހުމަތުތައް ކުރެވެމުން ދިޔަ ނަމަވެސް ފުލުހުން އެކަމުގައި އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.

ތުހުމަތު ކުރެވޭ ފަރާތްތައް ދޫކޮށްލީ ކޮމިޝަނަރ އޮފް ޕޮލިސް މުހަައްމަދު ހަމީދުގެ ނުފޫޒުންކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެކަންވެސް ދޮގުކޮށްފައެވެ. 

މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު