ވެރިކަމާއި ހަވާލުވި އިރުވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ބަލާ ދައުވާ ކުރަން އޮތީ ފޮނުވާފަ: ރައީސް

ޙުސައިން އަފްޝަން 23 ޖޫން 2020 18:03
Flowers
ރައީސް ސޯލިހް

ވެރިކަމާއި ހަވާލުވި އިރުވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ބަލާ ދައުވާ ކުރަން އޮތީ ފޮނުވާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެވެ. 

ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނޫސްވެރިޔަކު ރިޔާސީ ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޔާމީން ރަޝީދުގެ މައްސަލައަކީވެސް މުހިއްމު މައްސަލައެއް ކަމުގައެވެ. 

ރައީސް ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށް ޝަރީޢަތް ކުރަމުންދާތީ ޝަރީޢަތާ މެދު ސުވާލު އުފައްދާފާނެތީ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތް މަޑުޖައްސާލާފައިވާ ކަމުގައި އެކޮމިޝަނުން ބުނެފައިވާ ކަމުގައެވެ. 

ހަމައެހެންމެ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިހާރު ކުރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށް ގެންދާ ޝަރީޢަތް ލަސްވަމުންދާތީ އެކަމުގައި ކޮމިޝަނުން ކަންބޮޑުވާ ކަމުގައިވެސް އެކޮމިޝަނުން ބުނެފައިވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. 

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވެރިކަމަށް އައިއިރު ޔާމީން ރަޝީދުގެ މައްސަލާގައި ތަޙުޤީޤުކޮށް ޕީޖީ ދަޢުވާކޮށް އެމައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދާން ފަށާފައިވޭ" ރައީސް ޞާލިޙު ވިދާޅުވިއެވެ. 

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ވެރިކަމުގައި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ފުލުހުން ތަޙުޤީޤުކޮށްފައިވެއެވެ. އަދި އެމައްސަލާގައި އެއިރުގެ ޕީޖީވަނީ ދަޢުވާވެސް އުފުއްލަވާފައެވެ. އަދި ކުރިމިނަލް ކޯޓުގައި މައްސަލައިގެ ބައެއް އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު