"ރައީސް ވަޙީދު ގުޅިވަޑައިގަތުމުން ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް އިތުރު ހިއްވަރު ލިބޭނެ"

ހަޔާ ޔޫސުފް 23 ޖޫން 2020 13:22
Flowers
ކުރީގެ ރައީސް ޑރ.ވަޙީދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މުސްތަޝާރެއްގެ ގޮތުގައި އިސް ސަފަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ނުކުމެވަޑައިގެންނެވުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބޭނެ ކަމެއް ކަމުގައި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ.ޝަހީމް މިފަދައިން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުގެ ޚާއްޞަ މުސްތަޝާރުގެ މަޤާމަށް ރައީސް ޑރ.ވަޙީދު ހަމަޖައްސަން އެކޯލިޝަނުގެ ޖޮއިންޓް ކައުންސިލުން ފާސްކުރިކަން ރޭގައި އެކޯލިޝަނުން އިޢުލާނުކޮށްފައިވަނިކޮށެވެ. ރޭގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި ރައީސް ޑރ.ވަޙީދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން ރައީސް ޔާމީން މިނިވަންކުރައްވަން ކުރައްވާނީ ކޮން މަސައްކަތެއްތޯ ސުވާލުކުރެއްވުމުން ޑރ.ވަޙީދު ވިދާޅުވެފައިވަނީ އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައެވެ. 

ޑރ.ވަހީދު ވަނީ އެމަނިކުފާނު އދ. ގައި 16 އަހަރު މަސައްކަތް ކުރެއްވި ކަމަށާއި އެ ބޭފުޅާ ދަންނަ ބޭފުޅުންވެސް ތިއްބަވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އަދުލު އިންސާފު ލިބެން ޖެހޭ ކަމަށާއި ބައިނަލްއަޤްވާމީ މުޖުތަމައު އިންވެސް ބޭނުންވަނީ އެގޮތް ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީމު މިކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތަށް ޑރ.ވަޙީދު ގުޅިވަޑައިގަތުމުން އިތުރު ހިއްވަރާއި ޖޯޝު ލިބޭނެ ކަމުގައެވެ. އަދި އެމަސައްކަތުގައި ޕްރޮގްރެސިވް ކޯލިޝަނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ޑރ.ޝަހީމު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު