މިހާތަނަށް 92588 ގޭބީސީއެއްގެ ކަރަންޓު ބިލް ސަރުކާރުން ކުޑަ ކޮށްދީފި

އަހްމަދު އަޒާން 22 ޖޫން 2020 12:04
Flowers
ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ އެމްޑީ މުޣުނީ އާއި ރައީސް ސޯލިހް

ކޮވިޑު-19 އާއި ގުޅިގެން މިހާތަނަށް 92588 ގޭބީސީއެއްގެ ކަރަންޓު ބިލު ކުޑަކޮށްދީފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިގޮތުން ސަރުކާރުން މިހަތަނަށް ކޮވިޑު-19 އާއި ގުޅިގެން އެޅި ބައެއް ފިޔަވަޅުތަކާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓުން ތައްޔާރު ކުރި ރިޕޯޓެއްގައި ވާގޮތުން 11 ޖޫންގެ ނިަޔަލަށް 92588 ގޭބީސީއެއްގެ ކަރަންޓު ބިލުން 40 އިންސައްތަ ވަނީ ކުޑަކޮށްދީފައެވެ. އަދި އެކަމަށް ޖުމްލަ 49.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް މިނިސްޓްރީގެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން 46417 ގޭބީސީއެއްގެ ފެންބިލުން 30 އިންސައްތަ ކުޑަކޮށްދީފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. އަދި އެކަމަށް ޖުމްލަ 10.2 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް އެ ރިޕޯޓުގައިވެއެވެ.

މިއީ ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކުރި ރިލީފް ސްކީމްގެ ދަށުން ދީފައިވާ ސަބްސިޑީތަކެވެ. އެ ސްކީމްގެ ދަށުން މިހާތަނަށް އިންކަމް ސަޕޯޓު އެލޮވެންސް ގެ ގޮތުގައި 2357 ފަރާތަށް ފައިސާ ދީފައިވާއިރު 1489 ފަރާތަކަށް ބޭންކް އޮފް މޯލްޑިވްސް އާއި އެސްޑީއެފްސީ މެދުވެރިކޮށް 482.5 މިލިއަން ރުފިޔާގެ ލޯނުވެސް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީގެ ރިޕޯޓުގައިވެއެވެ. 

ކޮވިޑު-19 ގެ ސަބަބުން ދިވެހިރާއްޖެ މިހާރު ވަނީ އިޤްތިސާދީ ގޮތުން ވަރަށް ބޮޑަށް ހީނަރުވެ އިޤްތިސާދީ އަދި މާލީ ކާރިސާއަކާއި ކުރިމަތިވެފައެވެ. ނަމަވެސް މާޗު 25 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަހަރު ނިމޭއިރު ދިވެހިރާއްޖެއަށް އިޤްތިސާދީ ބޫމް އެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. 

ރައީސް މިހެން ވިދާޅުވި ނަމަވެސް އޭރުވެސް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ކޮވިޑު-19 ގެ ސަބަބުން ދިވެހިރާއްޖެއަށް އިޤްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. 


ކިޔުންތެރިންގެ ހިޔާލު