ރައީސް ޔާމީން ސަރުކާރުން ހުޅުމާލޭގައި އަޅަންފެށި ފުލެޓުތަކެއްގެ ސްޓްރަކްޗާ މަސައްކަތް ނިމިއްޖެ

ޙުސައިން އަފްޝަން 18 ޖޫން 2020 18:50
Flowers
ފޮޓޯ: ޓުވިޓާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވެރިކަމުގައި ހުޅުމާލޭގައި ބިނާކުރަން ފެށި އިތުރު ފުލެޓުތަކެއްގެ ސްޓްރަކްޗާ މަސައްކަތް ނިންމާލާފައިވާ ކަން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝަންގ ލީޝަންގ ވިދާޅުވެއްޖެއެވެ. 

މިމަޝްރޫޢަކީ މެދުފަންތީގެ 1530 ހައުސިން ޔުނިޓު އެޅުމަށް ޗައިނާ ކުންފުންޏެއް ކަމުގައިވާ ސީއެމްއީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. ކޮންމެ ޔުނިޓެއްގައި ހިމެނެނީ ތިން ކޮޓަރިއާއި ކޮޓަރިތަކާ ގުޅިފައިވާ ފާޚާނާއާއި ބަދިގެއެވެ. ހަމައެހެންމެ އެއާ ކޮންޑިޝަނުގެ އިތުރަށް، ބަދިގެއަށް ބޭނުންވާ ސާމާނާއެކު ބަދިގެ ސިސްޓަމްވެސް ލިބޭނެއެވެ. އަދި މިފުލެޓުތައް ބިނާކުރާ އިމާރާތުގައި ކާރު ޕާކުކުރާނެ ޖާގައިގެ އިތުރަށް ވިޔަފާރިއަށް ޚާއްޞަ ދެ ފަންގިފިލާ ހުންނާނެއެވެ. 

ނަމަވެސް މިމަސައްކަތްކުރި ކުންފުނީގެ އެދުމުގެ މަތިން މިޢިމާރާތުގެ އުސްމިން 14 ފަންގިފިލާއިން 12 ފިލާއަށް ތިރިކޮށް 1530 ފުލެޓުގެ ބަދަލުގައި 1350 ފުލެޓު އެޅުމަށް ނިންމާފައިވެއެވެ.  މިކަމުގެ ބެނުމަކީ މުޅި މަޝްރޫޢަށް ހޭދަވާ ޖުމްލަ އަގު ކުޑަކުރުމަށާއި އަދި މިމަޝްރޫޢަށް ލަންކާގެ ސޭލަން ބޭންކުން ނެގި ލޯނު ބޭނުންކޮށްގެން މަޝްރޫޢުގެ އިކުއިޓީ ހަމަޖެއްސުމަށެވެ. 

މިމަޝްރޫޢުގެ ދަށުން އަޅާފައިވާ ގެދޮރު އަމާޒުކުރަނީ ގެދޮރު އެޅުމަށް ބޭންކުތަކުން ދޫކުރާ އަގު ހެޔޮ ލޯނު ނަގާ ފަރާތްތަކަށެވެ. އެގޮތުން މިއީ ސަރުކާރުން ކަނޑައަޅާ މިންގަނޑެއްގެ ދަށުން އެންމެ ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް އަމާޒުކޮށް ފުލެޓު ބިނާކުރި މަޝްރޫޢެއް ކަމުގައިވެސް މަޢުލޫމާތު ލިބިފައިވެއެވެ. 

އެޗްޑީސީއާއި މަޝްވަރާކުރުމަށްފަހު ހުރިހާ ބޭންކުތަކުން ތަބާވާންޖެހޭ އެގުހެޔޮކޮށް ގެދޮރުވެރިކުރުމަށް ޚާއްޞަ ލޯނުތަކެއް ތަޢާރަފުކުރުމާ ގުޅޭ ގައިޑުލައިނެއް އެމްއެމްއޭއިން ތަޢާރަފުކޮށްފައިވެއެވެ. އެއީ ކޮންމެ ބޭންކަކުންވެސް ދޫކުރާ ލޯނުތަކުގެ ތެރެއިން ވަކި މިންވަރެއް 2.2 މިލިއަން ރުފިޔާއަށްވުރެ އަގުހެޔޮ ގެދޮރު ގަތުމަށް ޚާއްޞަކުރުމަށް ކަނޑައަޅާފައިވާ އުޞޫލެކެވެ. މިއުޞޫލަށް މިހާރުވެސް ބޭންކުތަކުން ޢަމަލުކުރަމުންދެއެވެ. 

މިހައުސިން ޔުނިޓުތައް އަމާޒުކޮށްފައިވަނީ ޖުމްލަކޮށް މުޅި ޢާއިލާއަށް 15،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ޢާއިލާތަކަށެވެ. ކުރީ ސަރުކާރުން ވިސްނާފައިވަނީ ލިބިފައި އޮތް ޗައިނާ ލޯނު ބޭނުންކޮށްގެން، 10،000 ރުފިޔާއަށްވުރެ ކުޑަ ކުއްޔެއްގައި ބޭންކުތަކުން ދޫކުރާ ލޯނު ނުނެގޭ ފަރާތްތަކަށްވެސް މިތަނުން ހައުސިން ދޫކުރުމަށެވެ. އަދި ބޭންކުން ދޫކުރާ ލޯނަކީ 5% ނުވަތަ 6% އިންޓަރެސްޓުގައި 20 އަހަރުން ދައްކާ ގޮތަށް ދޫކުރާ ލޯނެއް ކަމުން، ލޯނު ނަގާ ފަރާތްތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 10،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ ކުއްޔެކެވެ. 

މިމަޝްރޫޢަށް ފައިސާ ހޯދާފައިވާ ގޮތަށް ބަލާއިރު މިމަޝްރޫޢަށް ހޭދަކުރި ފައިސާގެ 85% ހަމަޖައްސާފައިވަނީ ޗައިނާގެ ސީބީޑީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުންނެވެ. އަދި މިމަޝްރޫޢަށް ބޭނުންވާ އިކުއިޓީ ފައިސާގެ ތެރެެއިން 50% ހަމަޖައްސާފައިވަނީ ލަންކާގެ ސޭލަން ބޭންކުން ނެގި ލޯނަކުންނެވެ. މިހުރިހާ ލޯނު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. މިމަޝްރޫޢުގެ އިކުއިޓީއަށް ހޭދަކުރި ފައިސާގެ ބާކީ ހުރި ބައި ހަމަޖެއްސުމަށް ކުރީ ސަރުކާރުގައި މަޝްވަރާކޮށްފައިވަނީ އެމްއެމްއޭއާއި ޕެންޝަން ފަންޑާ މަޝްވަރާކޮށްގެން އެއިދާރާތުގެ މުވައްޒަފުންގެ ގެދޮރު ހަމަޖައްސާ ގޮތަށް އެތަންތަނުން ވުނަކުރާ ގޮތަށެވެ. ނަމަވެސް މިތަންތަނުގެ މެނޭޖުމެންޓަށް އައި ބަދަލުތަކާ ގުޅިގެން އެކަން ލަސްވެ މިސަރުކާރަށް އިކުއިޓީގެ ބާކީ އިން 7.5% ހަމަޖެއްސިފައިނުވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. 

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުނީ 2018 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. އަދި 2018 ވަނަ އަހަރުގެ ނިޔަލަށް ފައުންޑޭޝަނުގެ ހުރިހާ މަސައްކަތެއް ނިންމާފައިވެއެވެ. މިހާރު ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް ނިންމާލާފައިވާއިރު، މިތަންތަނުގެ ހުރިހާ މަސައްކަތެއް ނިންމައިލުމަށް އަދި އިތުރު އެއް އަހަރު ހޭދަވާނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު