Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮވިޑް ޓެސްޓުގެ އެކްސްޓްރެކްޝަން މެޝިނުތަކާ ގުޅޭ ބޮޑެތި ސުވާލުތަކެއް!

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ބޭނުންކުރާ އެކްސްޓްރެކްޝަން މެޝިނެއް މައްސަލަ ޖެހިފައިވަނިކޮށް، އެ މެޝިނުތަކާއި ގުޅޭ ބޮޑެތި ސުވާލުތަކެއް ފެންމަތިވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގައި، ކޮވިޑް ޓެސްޓް ކުރާއިރު ސާންޕަލް އެކްސްޓްރެކްޓް ކުރަން ގެންގުޅެނީ ކިޔާޖަން ބްރޭންޑްގެ ދެ މެޝިނެވެ. ކޮވިޑް-19 އަށް ޓެސްޓް ކުރާ ޕީސީއާރު މެޝިނުތައް ހުރި ނަމަވެސް، ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވި، ލިމިޓްވެފައި ވަނީ އެކްސްޓްރެކްޓް ކުރެވޭ ވަރު މަދުވުމުންނެވެ.
މާލޭގައި ކޮވިޑް-19 ފެތުރެން ފެށި އިރު އައިޖީއެމްއެޗުގައި ހުރީ އެންމެ އެކްސްޓްރެކްޝަން މެޝިނެކެވެ. ނަމަވެސް ފަހުން އެސްޓީއޯ އަށް ހަވާލުކޮށްގެން ކިއާޖަން ބްރޭންޑްގެ އިތުރު އެކްސްޓްރެކްޝަން މެޝިނެއް، މިދިޔަ މަހުގެ ތެރޭގައި ވަނީ ގެނެސްފައެވެ.އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން އެ މެޝިނު ގެނައީ، އެމްޑީޕީ މަޖިލީސް މެމްބަރު ހަސަން އަފީފްގެ މަސްލަހަތު އޮންނަ އަދި ހިޔަލީ މުހައްމަދު ރަޝީދުގެ ހިއްސާ އޮންނަ މެޑިކުއިޕް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެތައް ދުވަހެއްގެ ޑިލޭއާ އެކު އެ މެޝިނު ލިބުނު އިރު، އެ މެޝިނުގެ ވޭސްޓް ކަލެކްޝަން ކެބިނެޓު ނެތްކަން ފާހަގަ ވެއެވެ.
"މިހާރު ޖެހެނީ ތިރީގައި ކޮތަޅެއް އަޅުވައިގެން އޭގެ ވޭސްޓް ނަގަން. އެހެންވީމާ ލެބް އޮންނަނީ މިހާރު އެ އެއްޗެހި ރައްކާތެރިކޮށް ނުބެހެއްޓޭތީ ވަރަށްބޮޑަށް ހެޒާޑަސް ތަނަކަށް ވެފައި،" މައުލޫމާތު އެނގޭ އޮފިޝަލަކު ކިޔައިދިނެވެ.
އައިޖީއެމްއެޗުން ސީދާ ކިޔާޖަން ބްރޭޑްގެ އެކްސްޓްރެކްޝަން މެޝިނު ބޭނުން ކުރަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އެ ބްރޭޑްގެ މެޝިނުތައް އައިޖީއެމްއެޗުގައި ބޭނުންކުރާއިރު، އެ މެޝިނުތަކަށް ވުރެ އަގު ހެޔޮކޮށް އޮޕަރޭޓް ކުރެވޭނެ ޑަބްލިއުއެޗްއޯ ފަދަ ޖަމިައްޔާތަކުން އެޕްރޫވް ކޮށްފައިވާ އެތައް ބްރޭންޑެއްގެ އެކްސްޓްރެކްޝަން މެޝިނު ހުރެ އެވެ.
ކިޔާޖަން ބްރޭޑްގެ އެކްސްޓްރެކްޝަން މެޝިނަށް މައްސަލަ ޖެހުނު އިރު، އެ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވަނީ އެ މެޝިނުތައް ސަޕްލައި ކުރި މެޑިކުއިޕްގައި، އެ މައްސަލަތައް ހައްލު ކުރުމަށް ތަމްރީނު ލިބިފައިވާ ބަޔޯ މެޑިކަލް އިންޖިނިއަރުން ނެތުމުންނެވެ.
އޭގެ އިތުރުން އެނގިފައިވާ ގޮތުގައި މެޑިކުއިޕް އިން އެ މެޝިނަށް ބޭނުންވާ ރީއެޖެންޓް ސަޕްލައި ކުރަނީ ސީދާ މެނުފެކްޗަރާގެ ބަދަލުގައި އިންޑިއާގެ ތާޑްޕާޓީ ކުންފުންޏެއް މެދުވެރިކޮށެވެ. އެހެންކަމުން އައިޖީއެމްއެޗަށް އެ އެއްޗެހި ލިބެނީ މާކެޓްގެ ރޭޓް ތަކަށް ވުރެ ބޮޑު ކޮށެވެ. އަދި އިންޑިއާ އިން ޓެސްޓް ކުރާ ތަކެތި ބޭރުކުރުން މަނާކޮށްފައި އޮތުމާއި، ލޮކްޑައުންގެ ސަބުން އިންޑިއާ ކުންފުނިން އެ ތަކެތި ސަޕްލައި ކުރުމުގައި ވަރަށް ބޮޑު ޑިލޭ އެއް އުޅެ އެވެ.
އޭގެ އިތުރުން، މެޑިކުއިޕް އިން އެ މެޝިނުގެ ސާމާނު ތާޑް ޕާޓީކޮށް ގަންނަ އިންޑިއާ ކުންފުންޏަކީ، މެޑިކުއިޕްގައި މަސައްކަތްކުރާ އިންޑިއާގެ ބަޔޯމެޑިކަލް އިންޖިނިއަރެއްގެ ހިއްސާ އޮންނަ ކުންފުންޏެއްކަން އެނގިފައި ވެއެވެ.
ކިޔާޖަން ބްރޭޑްގެ އެކްސްޓްރެކްޝަން މެޝިނުތައް ސަޕްލައި ކުރަން ގިނަ ދުވަސް ނަގާއިރު، އެ މެޝިނުތައް އޮޕްރޭޓް ކުރަން މާކެޓުގެ އަގުތަކަށް ވުރެ ބޮޑު ހަރަދެއް ހިނގާއިރު، އަދި އެ މެޝިނުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ މުހިންމު ސްޕެއާ ޕާޓްތައް މެޑިކުއިޕްގެ ސްޓޮކްގައި ބަހައްޓާފައި ނެތުމާއި، އެފަދަ މައްސަލަތައް ހައްލު ކުރާނެ ބަޔޯ މެޑިކަލް އިންޖިނިއަރެއް ވެސް އެ ކުންފުނީގައި ނެތް އިރު، އައިޖީއެމްއެޗުން ހަމައެކަނި އެ ބްރޭންޑްގެ އެކްސްޓްރެކްޝަން މެޝިނު ގަންނަން ބޭނުންވަނީ ކީއްވެގެން ކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެ އެވެ.
ވަކި ކުންފުންޏަކަށް މެޝިނުތައް ސަޕްލައި ކުރުމަށް ފުރުސަތު ދޭން، ކޮވިޑަށް ޓެސްޓް ކުރެވޭ ކެޕޭސިޓީ ލިމިޓް ކުރުމަކީ، ރައްޔިތުންނަށް ހެޔޮ އެދިގެން ކަންކަން ކުރާނެ ބަޔަކު އެކަން ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ.
މި ލިއުމާއި ގުޅޭ