ޓްރާންސްޕޯޓް މިނިސްޓްރީގެ ވާހަކަތައް ޓެކްސީ ސެންޓަރުތަކުން ދޮގުކޮށްފި

އިބްރާހިމް އާދަމް 6 ޖޫން 2020 22:14
Flowers

މާލޭގައި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކާއި ގުޅޭގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ދައްކާފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތައް ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފިއެވެ.

މިގޮތުން ޓެކްސީ ވޯކާސް ޔުނިއަނުން (ޓީޑަބްލިއުޔޫ) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ ސެންޓަރު ތަކާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކާތީ ހިތާމަކުރާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒުބައިރު ވިދާޅުވިގޮތުގައި މާލެ ސަރަހައްދު ފުރަބަންދު ކުރުމުގެ ކުރިން 2 ފަހަރު ޓެކްސީ ޑްރައިވަރުންނާއި ބައްދަލު ކުރެއްވިކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ޑްރައިވަރުން، ސަރުކާރުން ކޮވިޑު-19 އާއި ގުޅިގެން ދެމުން ގެންދާ ރިލީފް ލޯނު ދިނުމަށް އެދިފައި ނުވާނެ ކަމަށް ޒުބައިރު ވިދާޅުވިއެވެ. 



ނަމަވެސް ޓީޑަބްލިއުޔޫ އިން ބުނެފައިވާ ގޮތުގަިއ ހުރިހާ ބައްދަލުވުމެއްގައިވެސް އެ ލޯނު ހޯދުމަށް އެދިފައިވާނެ ކަމަށެވެ. އަދި މީގެ އިތުރުން ޑްރައިވަރުންގެ ރައްކާތެރިކަމަށް މިހާތަނަށް ސަރުކާރުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދީފައިނުވާއިރު، އެފަދަ އެހީތަކެއް ވެދެއްވިކަމަށް ބުނެވެސް ޒުބައިރު މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ޓީޑަބްލިއުޔޫއިން ވަނީ ބުނެފައެވެ. 

އަދި ޒުބައިރު ޓެކްސީ ޑްރައިވަރުންނާއި އެކު ބޭއްވި ފުރަތަމަ ބައްދަލުވުމަކީ ކަރަންޓީނު ނިންމާފައި އަންނަ މީހުންނަށް ހިދުމަތް ދޭން ގިނަ ޓެކްސީތައް ނެރުމާއި ބެހޭ ބައްދަލުވުމެއް ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފައިވެއެވެ. އަދި އެ ބައްދަލުވުމުގައިވެސް ރިލީފް ލޯނަށް އެދިފައިވާނެ ކަމަށާއި މާސްކާއި ސެނިޓައިޒާފަދަ ތަކެތި ފޯރުކޮށްދިނުމަށްވެސް އެދުނުކަމަށް ސެންޓަރުތަކުން ވަނީ ބުނެފައެވެ. 

އަދި މާލެ ލޮކްޑައުން ކުރިފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ރިލީފް ޕެކޭޖަށް ޝަރުތު ހަމަ ނުވާ ވާހަކައާއި އެކަމާއި ގުޅިގެން ހުރި ދަތިތަތައް ހާމަކުރިކަމަށް ސެންޓަރުތަކުން ވަނީ ބުނެފައެވެ. އަދި ހުދު ރައީސް ސޯލިހަށްވެސް އެކަމާއި ގުޅިގެން ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޓެކްސީ ސެންޓަރުތަކުން ވަނީ ހާމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ބީރުބޯ
މިސަރުކާރުމީ ކީއްކުރާބައެއް؟؟ ދޮގުހެދުމާއި އަނދުން އެޅުވުން އެކަނި އޮތީ