އެމްޑީއެންގެ ފައިސާ ސަރުކާރުން "ވަގަށް" ނެގި މައްސަލަ ބަލަައިދޭން މަޖިލީހުގައި އެދިއްޖެ

ޙުސައިން އަފްޝަން 5 ޖޫން 2020 23:01
Flowers
ރައީސް ނަޝީދު އަދި އެމްޑީއެންގެ ކުރީގެ ޗެއަރޕާސަން ނޫޝިން

އިސްލާމް ދީނާއި ދެކޮޅު ލިޔުންތައް ލިޔެގެން ދިވެހި ރައްޔިތުންގެ ނުރުހުން އަމާޒުވުމުން، ސަރުކާރަށް ފިއްތުންތައް ކުރިމަތިވެ، އުވާލަން ޖެހުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން، އެ ޖަމިއްޔާގެ މިލްކިއްޔާތުގައި ހުރި 50،000 ޑޮލަރު ސަރުކާރުން ވަގަށް ނެގި ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

މިގޮތުން އެމްޑީއެންގެ ޓުވިޓަރ އެކައުންޓުން މީސްމީޑިއާގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ޖަމިއްޔާ އިޖުރާއަތުތަކާއި ހިލާފަށް އުވާލުމަށްފަހު އެ ޖަމިއްޔާގެ ބޭންކު އެކައުންޓުތައް ފްރީޒްކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. 

އަދި އެ ޖަމިއްޔާއަށް ނާންގާ އެ ޖަމިއްޔާގެ ބޭންކު އެކައުންޓުތަކުގައި ހުރި ހުރިހާފައިސާއެއް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓުން ނަގާފައިވާތީ އެކަން ކުށްވެރި ކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި އެމްޑީއެން އުވާލުމަކީ ރާއްޖޭގެ މަދަނީ މަޝްރަހުގައި މިހާތަނަށް ނުހިނގާވަރުގެ ކަމެއް ކަމަށާއި، އެ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓުން އަމަލުތައް ބަހައްޓާފައި ހުރިގޮތް މަޖިލީހަށް ސާފުކޮށްދޭން އެދޭކަމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި މިކަމުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ، އެއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ މަދަނީ ޖަމިއްޔާތަކަށް ނުހަނު ނުރައްކާވާނެ ކަމެއްކަމުގައިވެސް އެ ބަޔާނުގައިވެއެވެ. އެމްޑީއެން އިން ދީނާއި ހިލާފު ރިޕޯޓު ނެރުނު އިރު އެ ޖަމިއްޔާގެ ޗެއަރޕާސަން އަކަށް ހުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކައުންޓަޓެރަރިޒަމް ކޮންސަލްޓެން ނޫޝިން ވަހީދެވެ. އެމްޑީއެން އުވާލުމަށާއި ނޫޝިން ރައީސް އޮފީހުގެ މަޤާމުން ވަކިކުރުމަށް ގޮވާލައި ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން، ނޫޝިން ވަނީ އެމްޑީއެން އިން އިސްތިއުފާ ދީފައެވެ. ރައްޔިތުންގެ ކަންބޮޑުވުން އުފެދުނު ރިޕޯޓު ލިޔުމުގައި އިސްކޮށް ހަރަކާތްތެރިވީ ޝަހިންދާ އިސްމާއިލް އާއި މުޝްފިޤު މުހައްމަދެވެ. ޝަހިންދާ އިސްމާއިލް އަކީ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ގެ ކޮއްކޮއެވެ. އަދި ހަމަ އެހެންމެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ކުރީގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މުޝްފިޤް މުހައްމަދަކީ ރައީސް ސޯލިހްގެ ރަސްމީ ފޮޓޯގްރާފަރު މުންޝިދުގެ ކޮއްކޮއެވެ. އެމްޑީއެން މައްސަލަ ބަލަން ފެށުމުން މި ދެމީހުންވެސް ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. 

ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނި ނަމަވެސް، އެކަމާއި ގުޅިގެން މިހާތަނަށް މާބޮޑު ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދަކީވެސް އެމްޑީއެންގެ ޑިރެކްޓަރެއްގެ މަޤާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު
ދދދދދ
އަމިއްލަ އަންބޮނޑިންވެސް ކުރަނީ ވައްކަން. ބލއެއްނު މިއޮތީ ފާވެފަ.
ދިވެހިމީހާގެ ދަރި
މަދަނީ ޖަމްއިއްޔާތަކަށް ނުރައްކަލޭ. ސުބުހާނަﷲ! މި މީހުން މިއުޅެނީ މަދަނީ ޖަމްއިއްޔާތަކަށް ކޮންފަދަ ކަމެއް ކުރަން ބާ؟ ބިރުވެރިކަމުގެ ކޮޅެއް ނެތްތާ ދޯ.