ސޭވް މޯލްޑިވްސްގެ ގުޅީފަޅު މަޝްރޫޢާ ގުޅޭ ސިޓީ މަޖިލިހުގެ ތިމާވެށި ކޮމިޓީއަށް ލިބިފައިނުވޭ

ޙުސައިން އަފްޝަން 4 ޖޫން 2020 22:31
Flowers
ގުޅީފަޅު ހިއްކުމުގެ ތެރެއިން

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢާ ގުޅޭ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ ސޭވް މޯލްޑިވްސުން ރައްޔިތުން މަޖިލިހަށް ފޮނުވި ސިޓީ އެމަޖިލިހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީއަށް ލިބިފައިނުވެއެވެ. 

ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ މަޖިލިހުގެ ކޮމިޓީން ޖޫން މަހުގެ 1 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ގުޅީފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން މަޖިލިހަށް ލިބިފައިވާ ސިޓީތައް އިއްވާފައިވެއެވެ. އެގޮތުން ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދަވައި ހިންގަވާ މޯލްޑިވްސް ކޮރަލް އިންސްޓިޓޫޓުން ފޮނުވި ސިޓީއަކާއި ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަޙްމަދު އުޝާމު ފޮނުއްވި ސިޓީއެއް ކޮމިޓީގައި އިއްވަވައި އެސިޓީތަކާ ގުޅޭ ގޮތުން ބަހުސްކޮށް މެންބަރުން މަޝްވަރާކުރައްވާފައިވެއެވެ. 

ނަމަވެސް ގުޅީފަޅު މަޝްރޫޢާ ގުޅޭ ގޮތުން ސޭވް މޯލްޑިވްސްގެ ފަރާތުން މަޖިލިހުގެ ރައީސް ރައީސް ނަޝީދަށް އެޑުރެސްކޮށް ލިޔެ ފޮނުވި ސިޓީ އެބައްދަލުވުމުގައި އިއްވާފައިނުވެއެވެ. އެސިޓީގައި ގުޅީފަޅު ހިއްކުމަށް ހިންގާ މަޝްރޫޢުގެ ސަަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ފާހަގަކޮށް އެމަޝްރޫޢު ހުއްޓައިލުމަށް ގޮވާފައިވެއެވެ. 

އެސިޓީގައި ފާހަގަކުރި ގޮތުގައި މިދަނޑިވަޅަކީ ރާއްޖެއަށް ކޮވިޑް-19 ވަބާގެ ސަބަބުން އިޤުތިޞާދީ ދަތިކަމެއް މެދުވެރިވެ، ރައްޔިތުންގެ ފުދުންތެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ދަނޑިވަޅެކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް އެނގި ތިބެ، ބޮޑެތި ދަރަނީގެ ލޯނުތައް ނަގައިގެން ތިމާވެއްޓަށް އިޢާދަނުކުރެވޭ މިންވަރުގެ ގެއްލުން ލިބޭ މަޝްރޫޢުތައް ހިންގާއިރު އެކަން މަޖިލިހުން ނުހުއްޓުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ. 

ގުޅީފަޅު މަޝްރޫޢުގެ ތިމާވެށީ އަސަރުތައް ދެނެގަތުމަށް ހެދި ދިރާސާއިން މިމަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ތަރިކަތަކުގެ ތެރޭގައި ހިމެނޭ ޑައިވު ސްޕޮޓުތަކަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށް ބުނެފައިވާ ކަމުގައާއި މަޝްރޫޢުގެ ސަބަބުން ފަތުރުވެރިކަމާ ގުޅިފައިވާ ކުދި އެތައް ވިޔަފާރިއަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. 

ސޭވް މޯލްޑިވްސްގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ފަޅުތަކާއި ފަރުތަކަކީ ރާއްޖޭގެ ޤުދުރުތީ ރައްކާތެރިކަން ކަމަށްވެފައި، ފަޅުތަކުގެ ނިޒާމުގައިވާ ދިރުންތަކަކީ އިޤުތިޞާދުގެ އަސާސްކަމަށްވާއިރު އެކަންކަމަށް އިޢާދަނުކުރެވޭ މިންވަރުގެ ގެއްލުން ލިބޭ ގޮތަށް ރާއްޖެ ތަރައްޤީކުރުމަކީ ބުއްދި ޤަބޫލުކުރެވޭ ގޮތެއް ނޫން ކަމަށެވެ. އަދި މިހާރު މިއޮތް އިޤުތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް ގުޅީފަޅު މަޝްރޫޢު ހުއްޓުވައި ސަރުކާރު ޖަވާބުދާރީކުރުވުމަކީ މަޖިލިހުގެ ޒިންމާއެއް ކަމުގައިވެސް އެސިޓީގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު