ގުޅީފަޅު މަޝްރޫޢާމެދު ރައީސް ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓޫޓުން ކަންބޮޑުވުން ފާޅުކޮށްފި

ޙުސައިން އަފްޝަން 29 މޭ 2020 14:57
Flowers
ރައީސް ނަޝީދު މުރަކަތަކާއެކު ފީނާވަޑައިގަންނަވަނީ

ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި އިތުރު ބޭފުޅަކު ގުޅިވަޑައިގެން އުފައްދަވާފައިވާ މޯލްޑިވްސް ކޮރަލް އިންސްޓިޓޫޓުން ގުޅީފަޅު ހިއްކުމުގެ މަޝްރޫޢާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

މޯލްޑިވްސް ކޮރަލް އިންސްޓިޓޫޓުގެ ޓުވިޓާ އެކައުންޓުން ކުރި ސިލްސިލާ ޓުވީޓުތަކެއްގައި އެޖަމްޢިއްޔާގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން އެސަރަހައްދުގެ ފަރުތަކަށް ލިބޭނެ ގެއްލުންތަކާމެދު ކަންބޮޑުވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެޖަމްޢިއްޔާގެ ޓުވީޓުގައި ފާހަގަކުރި ގޮތުގައި މިމަޝްރޫޢުގެ ސަަބަބުން 30އަށްވުރެ ގިނަ ފިނުމަށް ޚާއްޞަ ސަރަހައްދުތަކަށް ގެއްލުންވާނެއެވެ. އަދި އޭގެ ތެރޭގައި 1995 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހާންސް ހަސް ޕޮއިންޓް ހިމެނޭ ކަމުގައިވެސް އެޖަމްޢިއްޔާއިން ބުނެފައިވެއެވެ. 

އޭގެ އިތުރުން އެޖަމްޢިއްޔާއިން ފާހަގަކުރި ގޮތުގައި އިރުމަތީގައި ހަރުކޮށްފައިވާ ސިލްޓް ސްކްރީން ނުވަތަ ރައްކާތެރިކަމުގެ ދަލުގެ އެއްވެސް ފައިދާއެއް މިހާރު ނުކުރެއެވެ. ސަބަބަކީ މިއީ ހުޅަނގު މޫސުމަށް ވުން ކަމުގައިވެސް އެޖަމްޢިއްޔާއިން ބުނެފައިވެއެވެ. ހަމައެއާއެކު މިހާރުވެސް ހިއްކަމުންދާ ސަރަހައްދުން ފޭދޭ ވެލި ވިލިނގިލީ ފަރަށް ވަންނަމުންދާ ކަމުގައި ފާހަގަކުރިއެވެ. 

އަދި ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ތިމާވެއްޓަށް އިޢާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭ މަޝްރޫޢުތައް ބަދަލެއް ދިނުމަކާ ނުލައި ހުއްޓުވައިލެވޭނެ ކަމަށް ބުނެފައިވާ ކަން އެޖަމްޢިއްޔާއިން ފާހަގަކުރިއެވެ. އަދި ރާއްޖޭގައި ހިންގޭ މިފަދަ އައްސޭރި ތަރައްޤީގެ މަޝްރޫޢުތައް ހިންގަނީ އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި ކަމުގައާއި ފާއިތުވި ދެހައެއްހައި އަހަރު ތެރޭގައި ފަރުތަކަށް އެފަދަ މަޝްރޫޢުތަކުގެ ސަބަބުން ވަރަށް ބޮޑު ގެއްލުން ލިބިފައިވާ ކަމުގައިވެސް އެޖަމްޢިއްޔާއިން ބުނެފައިވެއެވެ. 

އަދި މުރަކައާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ޤާނޫނުތައް ހެދުމަށާއި ތަންފީޒުކުރުމަށްވެސް އެޖަމްޢިއްޔާއިންވަނީ މަޖިލިހަށާއި ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ. އަދި ތަންތަން ތަރައްޤީކުރާ ފަރާތްތަކާއި، ތިމާވެއްޓަށް ކުރާ އަސަރާ ގުޅޭ ދިރާސާ ހަދާ ފަރާތްތައް ޖަވާބުދާރީކުރުވަން ޖެހޭ ކަމުގައިވެސް އެއިދާރާއިން ބުނެފައިވެއެވެ. 

އެއާއެކު، ތަރައްޤީގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު އެންމެ ކުޑަ މިންވަރެއްގައި ހިފަހެއްޓުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ލާޒިމުކުރުމާއެކު، ކަނޑުގެ ހޫނުމިން އިތުރުވެ މުރަކަ ހުދުވާ ދުވަސްވަރެއްގައި އެއްވެސް މަޝްރޫޢެއް ހިންގުން މަނާކުރަންވެސް ޖެހޭ ކަމުގައި އެޖަމްޢިއްޔާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު