ރައީސް ޔާމީން ޖަލަށް ލުމަކީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ހަސަދަ ފިލުވައިލެއްވުމެއް: ޑރ.ޖަމީލް

ހަޔާ ޔޫސުފް 23 މޭ 2020 17:48
Flowers
ރައީސް ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަކީ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ރައީސް ޔާމީނަށް ހަސަދައި ފިލުވައިލުމެއް ކަމުގައި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. 

ޑރ.ޖަމީލު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ.ޖަމީލު ވިދާޅުވި ގޮތުގައި ރައީސް ޔާމީނު ޖަލަށް ލުމަކީ ރައީސް ސާލިޙާއި ރައީސް ނަޝީދު ގުޅިވަޑައިގެން ރައީސް ޔާމީނަށް ޒާތީ ހަސަދައެއް ފިލުވައިލެއްވީއެވެ. 

އަދި އޭގެ އިތުރަށް ރައީސް ޔާމީނު ޖަލަށް ލުމަށް ނިޒާމަށް ނުފޫޒު ފޯރުވި ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ޢަޒުމު އެބަ ހުރި ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. ޖަމީލުގެ ޓުވީޓުގައި ނިޒާމަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ރައްދުކުރައްވާފައިވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދަށާއި ރައީސުލް ޖުމްހޫރިއްޔާއަށެވެ. ރައީސް ނަޝީދަކީ ޖޭއެސްސީގައި އިންނަވާ ބޭފުޅެކެވެ. 

ރައީސް ޔާމީނުގެ ޝަރީޢަތް ނިންމައި އެމަނިކުފާނުގެ މައްޗަށް ޙުކުމް ކުރަން އޮތް ދުވަހު މައްސަލަ ބެއްލެވި ޤާޟީ ސަސްޕެންޑުކޮށްފައިވަނީ ޖޭއެސްސީންނެވެ. ޖޭއެސްސީގައި ރައީސް ނަޝީދުގެ އިތުރަށް ތިއްބަވާ ބޭފުޅުންގެ ތެރޭގައި ޖޭއެސްސީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ތުޅާދޫ ދާއިރާ މެންބަރު ޙިސާން ޙުސައިނާއި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މަސްތޫރު ޙުސްނީއަކީ ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. އަދި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބަންޑާރަނައިބު އިބްރާހީމް ރިފްޢަތަކީވެސް ކުރިން ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. 

ޑރ.ޖަމީލުވަނީ އިތުރު ޓުވީޓެއްގައި ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފު ކުންފުނިން ޖަމާކުރި ފައިސާއަކީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވޭ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނު ހެއްދެވި އެއްބަސްވުމަކީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ އަތްޕުޅުގައި ހުރި އެމަނިކުފާނުގެ ފައިސާ ހޯއްދެވުމަށް ހެއްދެވި މަދަނީ އެއްބަސްވުމެއް ކަމުގައި ޖަމީލު ވިދާޅުވިއެވެ. 

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުންވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި މިޙުކުމަކީ ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އިއްވި ޙުކުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު