ސޮވެރިން ފަންޑުގައި 190 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެ އަމީރު ހެދީ ދޮގު!

އަހްމަދު އަޒާން 23 މޭ 2020 17:26
Flowers
ފިނޭންސް މިނިސްޓަރު އަމީރު

ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުމަށާއި، ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓުގައި 190 މިލިއަން ޑޮލަރު ހުރި ކަމަށް ބުނެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިތުރުފުޅު ހައްދަވައިފިއެވެ.

އަމީރު މިމޭރުމުން ވިދާޅުވެފައި ވަނީ، މިއަދު ބޭއްވި ނޫސްރިންގެ ބައްދަލުވުމެއްގައި "ދިޔަރެސް" ގެ ފަރާތުން އެ ފަންޑުގައި ޑޮލަރުން މިހާރު ހުރީ ކިހާވަރެއްތޯ ސުވާލު ކުރުމުންނެވެ. އޭގެ ޖަވާބުގައި އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު 98 މިލިއަން ޑޮލަރު އެ ފަންޑުގައި ހުރި ކަމަށެވެ. އަދި މިހާރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ގާތް ގަނޑަކަށް 190 މިލިއަން ޑޮލަރު އެކިއެކި ކަންކަމުގައި "އިންވެސްޓު" ކޮށްފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. 

އަމީރު މިހެން ވިދާޅުވި ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ވަނީ ސޮވެރިން ޑިވެލޮޕްމެންޓުގައި 2019 ވަނަ އަހަރު ނިމުނު އިރު ހުރި 200 މިލިއަން ޑޮލަރުގެ ތެރެއިން 120 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކޮށްފައެވެ. އަދި އެހެން ކަމުން އެ ފަންޑުގައި މިހާރު ބާކީ ހުރިކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ޑޮލަރެވެ.

ކޮވިޑު-19 އާއި ގުޅިގެން އެއްވެސް ވަރަކަށް އެ ފަންޑުގައި ހުރި ފައިސާ ބޭނުން ކޮށްފައިވޭތޯ ސުވާލު ކުރުމުންވެސް މިނިސްޓަރު އަމީރު ސީދާ ޖަވާބެއް ނުދެއްވައެވެ. 21 މޭއިގައި މޫޑީސް އިންވެސްޓަރ ސާވިސް އިން ނެރުނު ރިޕޯޓެއްގައި ވަނީ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން ފައިސާ ނަގަމުން ދާނަމަ ދިވެހި ދައުލަތުން ދައްކަން ޖެހޭ 250 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެ ފަންޑުގައި ފައިސާ ނުހުރެދާނެ ކަމަށެވެ. 

ނަމަވެސް މިނިސްޓަރު އަމީރު ވިދާޅުވީ 250 މިލިއަން ޑޮލަރުގެ ބޮންޑަށްވާ ފައިސާ ދައްކަން ޖެހޭއިރަށް ސޮވެރިން ޑިވެލޮޕްމެންޓްް ފަންޑުގައި ފައިސާ ހުންނާނެކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު