އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޫކުރާ އެހީ މިހާތަނަށް ދީފައިވަނީ 69 މީހުންނަށް

ޙުސައިން އަފްޝަން 23 މޭ 2020 15:08
Flowers
ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ފަރާތުން ދިނުމަށް ނިންމާފައިވާ އެހީ 69 މީހަކަށް މިހާތަނަށް ދޫކޮށްފިއެވެ. 

އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދިނުމަށް ނިންމާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 5،000 ރުފިޔާއެވެ. އެފައިސާ ދޫކުރުމަށް ނިންމާފައިވަނީ އެންސްޕާ މެދުވެރިކޮށެވެ. މިއަދު އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހީމް އަމީރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް 69 މީހަކަށް އެފައިސާ ދޫކޮށްފައިވެއެވެ. 

އަމީރު އިތުރަށް ތަފުޞީލު ހާމަކުރައްވަމުން ވިދާޅުވީ މިހާތަނަށް 69 މީހަކަށް ސަރުކާރުން އެހީތެރިކަމުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 5،000 ރުފިޔާ ދޫކޮށްފައިވާއިރު، ޖުމްލަކޮށް އެހީގެ ގޮތުގައި ސަރުކާރުން ދޫކޮށްފައިވަނީ 290،131 (ދެލައްކަ ނުވަދިހަ އެއް ހާސް އެއް ސަތޭކަ ތިރީސް އެކެއް) ރުފިޔާ ކަމުގައެވެ. 

އޭގެ އިތުރަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ ރިލީފު ޕެކޭޖުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ އެކި އެހީތަކުގެ ތަފުޞީލު މިނިސްޓަރު އަމީރު ހިއްސާކުރެއްވިއެވެ. އެގޮތުން ފެން ބިލުން ދޭ ޑިސްކައުންޓުގެ ގޮތުގައި މިހާތަނަށް 10.9 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ބިލަކުން އެވެރެޖު ގޮތެއްގައި 235 ރުފިޔާގެ މިންވަރެކެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓުގެ ގޮތުގައި 50 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވެއެވެ. އެއީ އެވެރެޖުކޮށް ކޮންމެ ބިލަކުން 500 ރުފިޔާގެ ޑިސްކައުންޓެކެވެ. 

ބީއެމްއެލް މެދުވެރިކޮށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ކުންފުނިތަކާއި ރިސޯޓުތަކަށް ދޫކުރާ ލޯނުގެ ގޮތުގައި 145.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 2.5 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އެ ލޯނުތައް ދޫކޮށްފައިވަނީ ޖުމްލަ 125 ވިޔަފާރިއަކަށެވެ. 

އެސްޑީއެފު މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތްކުރި ފަރާތްތަކަށްވެސް ލޯނު ދޫކޮށްފައިވެއެވެ. އެގޮތުން 22.3 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު