ރައީސް ނަޝީދުގެ ވާހަކަފުޅާއެކު ރައީސް ޔާމީން ދޫކޮށްލުމަށް އިދިކޮޅުން ގޮވާލައިފި

ޙުސައިން އަފްޝަން 23 މޭ 2020 14:14
Flowers
ރައީސް ޔާމީން

ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝިދު ދެއްކެވި ވާހަކަފުޅުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ އިންސާފުން ބޭރުން ކަން އެނގޭ ކަމުގައާއި އެހެންކަމުން ރައީސް ޔާމީން މިނިވަންކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ. 

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފަިއވަނީ އެމްއެމްޕީއާރުސީ މައްސަލާގައި ރައީސް ޔާމީން އެކަނި ޖަލަށް ލުމަކީ އަދި އެމަނިކުފާނު ޖަލުގައި ބޭއްވުމަކީ އިންސާފު ލިބުން ކަމުގައި ޤަބޫލުނުކުރެއްވޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވުމަކީ، ކުރިއްސުރެ އެކޯލިޝަނުން ދައްކަމުން ދިޔަ ވާހަކަތައް އެމްޑީޕީންނާއި ސަރުކާރުން ޤަބޫލުކުރި ކަމުގެ ހެއްކެއް ކަމުގައެވެ. އަދި އެމްޑީޕީގެ ރައީސް ކަމުގައިވެސް ހުންނެވި ރައީސް ނަޝީދުގެ ވާހަކަފުޅަކީ އެމްޑީޕީން އަދި މިސަރުކާރުން ޤަބޫލުކުރާ ގޮތް ކަމުގައިވެސް އެކޯލިޝަނުން ބުންޏެވެ.  

ރައީސް ނަޝީދު އަތްޕުޅުން ލިޔުއްވާފައިވާ ނޯޓެއް އެމްޑީޕީގެ އެކްޓިވިސްޓުންވަނީ ޓުވިޓާގައި ޢާންމުކޮށްފައެވެ. އެޓުވީޓުގައި ނަޝީދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނުތެ މައްސަލާގައި ރައީސް ޔާމީން އެކަނި ޖަލުގައި ބޭއްވުމަކީ އިންސާފު ކަމުގައި ޤަބޫލުނުކުރެއްވޭ ކަމުގައެވެ. އަދި ރައީސް ޔާމީނުގެ ޢަމަލުތަކާއި އެމަނިކުފާނުގެ ފިކުރާއި އުޞޫލުތަކަށް ތާއީދުނުކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު މިނޯޓު ޢާންމުކުރެއްވީ ރައީސް ޔާމީނުގެ 61 ވަނަ އުފަންދުވަހުގައި އިދިކޮޅު ކޯލިޝަނުގެ އިސްވެރިންގެ ތެރެއިން ބައެއް ބޭފުޅުބްގެ ޓުވީޓުތައް އަލުން ހިއްސާކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ބައެއް ފަރާތްތަކުން ފާޑުކިޔާން ފެށުމުން ދެއްވި މެސެޖެއްގެ ގޮތުގައެވެ. 

އިދިކޮޅު ކޯލިޝަނުން ބުނެފަިއވަނީ ރައީސް ޔާމީނާ ދެކޮޅަށް އުފުލި ދަޢުވާއަކީ ޒާތީ ސިޔާސީ ދަޢުވާއެއްކަން ނަޝީދުގެ ބަސްފުޅުން އެނގޭ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު