ދަތުރުތަކަށް 43 މިލިއަން ރުފިޔާ ހަރަދުކޮށްފި

މަރިޔަމް ލީނާ 17 މޭ 2020 22:45
Flowers
ރައީސް ސޯލިހް

ދައުލަތުން ދަތުރުފަތުރު ކުރުމުގެ ހަރަދަށް 43 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތަކުންނެވެ. މިގޮތުން 1 ޖެނުއަރީ 2020 އިން ފެށިގެން 7 މޭއި ގެ ނިޔަލަށް ދަތުރުތަކަށް ސަރުކާރުން ވަނީ 43 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މަދު އަދަދެކެވެ. މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 67.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެެވެ. ސަރުކާރުން މި އަހަރު ދަތުރުތަކަށް 237.8 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

މިދިޔަ އަހަރުވެސް ދަތުރުތަކަށް ކަނޑައެޅި ބަޖެޓު ހުސްވެ ބަޖެޓުގެ ބޭރުންވެސ ދަތުރުތަކަށް ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ. މިއަހަރު ބޮޑު ބަޖެޓެއް ދަތުރުތަކަށް ކަނޑައަޅާފައިވީ ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް ބޭރުގެ ފްލައިޓުތައް އައުން ވަނީ އެއްކޮށް ހުއްޓާލާފައެވެ. އެހެން ކަމުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު އެއްކޮށް ހެން ވަނީ ބަންދުވެފައެވެ. 

ސަރުކާރުން އަބަދުވެސް ބުނަމުންދަނީ ސަރުކާރުގެ އިސް އޮފިޝަލުން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނީ ރާއްޖެއަށް އެހީ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އަދި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 22 މިލިއަން ރުފިޔާކަން ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު