ވެންޓިލޭޓަރު ގަންނަން ހަވާލުކުރި އެމިރޭޓްސް ކުންފުނީގެ ވިޔަފާރި ހުއްދައިގެ މުއްދަތުވަނީ ހަމަވެފައި

ޙުސައިން އަފްޝަން 11 މޭ 2020 10:58
Flowers
މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން

ދިވެހިރާއްޖެއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ މެދުވެރިކޮށް ގެންނަ 75 ވެންޓިލޭޓަރު ގެނައުމަށް ޙަވާލުކުރި އެކުވެރި ޢަރަބި އިމާރާތުގެ ކުންފުނި ކަމުގައިވާ "އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން"އިން ވިޔަފާރިކުރުމަށް ދޫކުރާ ވިޔަފާރި ލައިސެންސްގެ މުއްދަތު ހަމަވެފައިވާކަން ހާމަވެއްޖެއެވެ. 

ސަރުކާރުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ހޯދުމަށް ނިންމާފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން އެކުންފުނި ރެކޮމެންޑުކުރުމުން ނުވަތަ އެކުންފުންޏާއެކު އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް އެދުމާ ގުޅިގެންނެވެ.

މިކުންފުންޏާ ގުޅޭ ގޮތުން ތަފާތު އެކި ގޮތްތަކަށް މީސް މީޑިޔާގައި ވާހަކަތައް ފެތުރެން ފެށުމާއެކު މިކުންފުނީގެ ޙަޤީޤަތް ހޯދުމަށް "ދިޔަރެސް" ނޫހުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި މިކުންފުންޏަކީ ދުބާއީގެ އިކޮނޮމިކް ޑިވެލޮޕްމެންޓް ޑިޕާޓުމެންޓުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެކެވެ. 


މިކުންފުނި ރަޖިސްޓަރީކޮށްފައިވަނީ 1997 ވަނަ އަހަރުގައެވެ. އަދި މިކުންފުނީގެ ވިޔަފާރި ލައިސެންސް ހަމަވާ މުއްދަތަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. އެމިރޭޓްސްގެ އިޤުތިޞާދީ ވުޒާރާގެ "ނޭޝަނަލް އެކޮނޮމިކް ރެޖިސްޓަރ" މެދުވެރިކޮށް ކުރި ދިރާސާއިން ފެނުނު ގޮތުގައި މިކުންފުނީގެ ލައިސެންސްގެ މުއްދަތު ނިމުނު އޭޕްރީލް މަހުގެ 14 ވަނަ ދުވަހަށް ހަމަވެފައިވުމުގެ އިތުރަށް މިޕޯޓަލުގައިވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޢުލޫމާތު އަދި އެކުންފުނީގެ އީމެއިލް އެޑްރެސްއެއް ފެންނަން ނެތެވެ. 

ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ ބީލަންކުރުމަކާ ނުލައެވެ. އެއީ އަވަހަށް އެތަކެތި ބޭނުންވާތީ ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެފައިވެއެވެ. މިހާތަނަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބިފައިވަނީ މެޑިޓެކް ކުންފުންޏާ ޙަވާލުކޮށްގެން ގެންނަން ނިންމި 50 ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރެވެ. 

ދުބާއީގެ އެކްޒެކިއުޓަރސް ކުންފުންޏާ ޙަވާލުކޮށްގެން ގެންނަނީ 10 ޕޯޓަބަލް ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މިމަސައްކަތުގެ އަގަކީ 35 މިލިއަން ރުފިޔާއެވެ. މި އަގުގެ ތެރެއިން 75% އެކުންފުންޏާ ޙަވާލުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު