ޗައިނާ އެމެރިކާއަށް: ލެބެއްގައި ވައިރަސް އުފެއްދި ކަމުގެ ހެކި ހުރިނަމަ ހާމަކުރޭ!

މަރިޔަމް ލީނާ 6 މޭ 2020 23:02
Flowers
ޗައިނާގެ ރައީސް ޝީ

ކޮވިޑު-19 ބަލި ޖައްސާ ނޮވެލް ކޮރޯނާ ވައިރަސް އަކީ ޗައިނާގެ ވުހާން ގެ ލެބޯޓަރީއެއްގައި އުފެއްދި ވައިރަސްއެއް ކަމަށް އެމެރިކާ އިން ބުނަމުންދާތީ ޗައިނާއިން އެކަމަށް ރައްދު ދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ނޮވެލް ކޮރޯނާ ވައިރަސް އަކީ ޗައިނާގެ ލެބެއްގައި އުފެއްދި އެއްޗެއް ކަމުގެ ހެކި އެބަހުރިކަމަށް ބުނެފައެވެ. އެވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއަ ޗުން ޔިންގް ވިދާޅުވީ، ހެކި ހުރިނަމަ ދެއްކުން އެދޭކަމަށެވެ.

"ޕޮމްޕިއޯއަށް އެއްވެސް ހެއްކެއް ނުދެއްކޭނެ، ސަބަބަކީ އޭނަ އަތުގައި އެއްވެސް ހެއްކެއް ނެތް" ހުއާ ވިދާޅުވިއެވެ.

އަދި ހުއާ ވަނީ، ވައިރަސް އާއި ގުޅޭ ކަންކަން ކުރަން ވާނީ ސައިންޓިސްޓުންނާއި ކަމުގެ މާހިރުން ކަމަށާއި، ސިޔާސީ ފަރާތްތައް އެމީހުންގެ ސިޔާސީ މަޤްސަދުތައް ހާސިލުކުރަން ވައިރަސް ބޭނުންކޮށްގެން ނުވާނެކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ނޮވެލް ކޮރޯނާ ވައިރަސް އަކީ އިންސާނުން އުފެއްދި އެއްޗެއް ނޫންކަން ޔަގީން ކަމާއި އެކުބުނެފައިވާ ކަން ހުއާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް އަދި ޚާރިޖީވަޒީރު މިމޭރުމުން ވާހަކަ ދެއްކެ ނަމަވެސް އެ ޤައުމުގެ ސައިންސުވެރިންނާއި ކަމާއި ގުޅޭ މާހިރުން ވަނީ ވައިރަސް އަކީ ލެބެއްގައި އުފެއްދި އެއްޗެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު