Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ނަޝީދުގެ ރައުޔަ ވިދާޅުވުމަށްފަހު މަޖިލިސް ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދުގެ ރައުޔަ ވިދާޅުވުމަށްފަހު ޖަލްސާ ކުރުކޮށްލަވައި ނިންމަވާލެއްވިއެވެ.
އެގޮތުން ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލުގެ ފުރަތަމަ އަޑުއެހުމަށް ބިލުގެ ނަން ރައީސް ނަޝީދު އިއްވެވިއެވެ. އެއަށް ފަހު އެމަނިކުފާނު ވާހަކަފުޅުދެއްކެވީ މަޖިލިހުގެ ފާއިތުވި ދެ ޖަލްސާގައި ބަހުސްކުރި މައުޟޫޢު ކަމުގައިވާ ޤާނޫނު އަސާސީ އިޞްލާޙުކުރުމާ ގުޅޭ ގޮތުންނެވެ. އެމަނިކުފާނު ވިދާޅުވީ ހައެއްކަ މެންބަރުން މެނުވީ މަޖިލިހުގެ ދެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ޤާނޫނު އަސާސީ އިޞްލާޙުކުރުމާ ދެކޮޅު ހައްދަވާ ކަމުގައެވެ.
ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ މައްސަލަ މަޖިލިހުގައި ފެންމަތިވެފައިވަނީ މިހާރު މަޤާމުތަކުގައި ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖުލައި މަހަށް ހަމަވާތީ އެކައުންސިލަރުންނާ މެދު ޢަމަލުކުރާނެ ގޮތަކާ މެދު ކުރެވޭ ބަހުސްގައެވެ. ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ އެމަނިކުފާނު އުޅުއްވަނީ އެމަނިކުފާނުގެ ވަކި ގޮތެއް މިކަމުގައި އޮވެގެން ނޫން ކަމުގައެވެ. ޤާނޫނު އިސާސީ އިޞްލާޙުކުރައްވަން މަޖިލިސް މެންބަރުން އެދިވަޑައިގަންނަވާނަމަ، އެގޮތަށް އެކަންކުރައްވަންވެސް ދެކޮޅު ނަހައްދަވާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ބިލާމެދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެއީ ޤާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ހުށަހެޅުނު ބިލެއް ކަމުގައެވެ. ނަމަވެސް އެބިލު ބަލައިނުގަނެ ބޭރުކޮށްލެއްވުން ނުވަތަ ކޮމިޓީ މަރުހަލާއަށް ފޮނުވުމަށްފަހު ފަހުން ބޭރުކޮށްލުމަކީވެސް މެންބަރުންނަށް ކުރެއްވިދާނެ ކަމެއް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. އަދި ޙަސަން ލަޠީފު މިއަދު ހުށަހެޅުއްވި ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމުގައި ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެދާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލިސް ބައެއް މެންބަރުން ހުށަހަޅުއްވާފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަށް މެންބަރުން ޢައްޔަންކުރުމަކީ، ރައީސް ކުރައްވާނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް މަޖިލިހަށް އެއްވެސް މެންބަރަކު ހުށަހަޅުއްވާ އެއްވެސް ކަމަކީ ކުޑަކަމެއް ނޫން ކަމުގައާއި، ބައެއް މީހުންނަށް ކުޑަ ކަންކަން ކަމުގައި ހީވާ ކަންކަމަކީ އެހެން މީހުންނަށް ބޮޑު ކަމަކަށް ވެދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ޖަލްސާ ނިންމަވާލެއްވީ ހުށަހަޅުއްވާނެ ކަމެއް ނެތް ކަމުގައާއި ކުރިއަށް ގެންދާނެ ކަމެއް ނެތް ކަމުގައި ވިދާޅުވުމަށްފަހުއެވެ.
މި ލިއުމާއި ގުޅޭ