އިންތިޚާބުގައި ވާދަކުރާ ސިވިލްސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި

އައިޝަތު ހަނާ 26 މާރިޗު 2020 21:36
Flowers
އިދިކޮޅު ކޯލިޝަންގެ ބައެއް ލީޑަރުން

އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ. އެކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ލޯކަލް ކައުސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކޮށްފައިވާތީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ތިބި  ސިވިލް ސަރވިސް މުވައްޒަފުންނަށް އެ މުވައްޒަފުން ސަސްޕެންޑް ވެފައި ތިބެން ޖެހުމުން އެތައް ދައްޗެއް ކުރިމަތިވަމުންދާކަމަށެވެ. އޭގެތެރޭގައި އެކޯލިޝަނާއި  އަދި ވާދަވެރި ޕާޓީތަކުގެ ކެންޑިޑޭޓުންވެސް ހިމެނޭ ކަމަށް އެބަޔާނުގައިވެއެވެ. 

އަދި މިހާރު ހަމަޖެހިފައިވާ ތާރީޚުގައި ވޯޓު ނުނެގޭނެކަމަށް އިލެކްޝަންސް އިން އިޢުލާނު ކުރި ތާރީޚުން ފެށިގެން އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހިނގާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.



"އިންތިޚާބުތައް ބޭއްވުމާއި، އިންތިޚާބުގެ ތާރީޚް ކަނޑައެޅުމާއި، އިންތިޚާބުތައް ހިނގަމުންދަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއްނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ ޤާނޫނޫ އަސާސީގެ 170 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަނަށް މަތި ކުރެވިފައިވާ ޒިންމާއެކެވެ. ކަންމިހެން އޮތްނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާ ކުރުމުގައި ފަސްޖެހެމުންދާކަން މިކޯލިޝަނަށް ޤަބޫލުކުރެވެއެވެ. އަދި އެ ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުން ގެންދާ ކަންވެސް ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ." ކޯލިޝަންގެ ބަޔާނުގައިވެއެވެ. 

 ރާއްޖޭގެ މިވަގުތުގެ ޙާލަތަށް ބަލާ، އެޙާލަތުން އަރައިގަނެ ޢާންމު ޙާލަތަކަށް އަންނަންދެން އިންތިޚާބު ފަސް ކުރުމުގެ ފުރިހަމަ ބާރު ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިން އެކަނިވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިދޭކަމަށާއި އަދި އެކަމުގައި ސުވާލު އުފެދޭނަމަ އެކަމުގެ ފަރުވާ ހޯދުމަށް އެދެން ޖެހޭ ފަރާތަކީ ރާއްޖޭގެ ކޯޓުތައް ކަމަށް އެކޯލިޝަނުން ބުނެއެވެ.  އަދި ޤާނޫނީ ގޮތުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޓަކި ޖަހަން ޖެހޭ ދޮރަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވެގެން ހިނގައްޖެނަމަ، 3 ބާރު ވަކިވެފައިވާ ނިޒާމެއް ގަޑުބަޑުވެ އެއްބާރުގެ ތެރެއަށް އަނެއް ބާރަށް އަތް ބޭނުމުގެ ފަލްސަފާއެއް އުފެދިގެން ހިނގައިދާނެތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެެވެ.



މިނިވަން މުއައްސަސާތަކަށް އައްޔަން ކުރެވޭ މެންބަރުންނަކީ ސަރުކާރުގެ ޕަޕެޓުން ކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ވިދާޅުވުމުން އެކަނިވެސް، މިނިވަން މުއައްސަސާތަކުގެ ތެރެއަށް ސަރުކާރާއި މަޖިލީހުގެ ނުފޫޒު އޮތް މިންވަރު ހާމަވެގެންދާ ކަމަށާއި އަދި އެފަދަ ކަންކަން ހިނގަމުން ދިއުމަކީ އެކޯލިޝަން ޤަބޫލު ކުރާނޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު