ސިއްރު ހެކިބަހާމެދު ގޮތެއް ނުނިމި، ޝަރީޢަތްތައް ހުއްޓި ފުނިޖެހެނީ

ހަޔާ ޔޫސުފް 26 މާރިޗު 2020 20:39
Flowers
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޤާނޫނީ އިމުގެ ތެރެއިން ސިއްރު ހެކިބަސް ނުނެގޭނެ ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާއިތުވި ޖަނަވަރީ މަހުގައި ކަނޑައެޅުމުން، އެމައްސަލަ ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށް އެކޯޓުން ގޮތެއް ނުނިމި ލަސްވުމުގެ ސަބަބުން ކޯޓްތަކުގައި ޝަރީޢަތް ކުރިއަށްދާ އެތައް މައްސަލައެއް ނުހިނގައި ފުނިޖެހިފައި ހުރުމެވެ. 

ނަން ނުޖެހުމަށް ޝަރުތުކުރައްވައި "ދިޔަރެސް" ނޫހަށް މަޢުލޫމާތު ދެއްވި ފުންނާބުއުސް ދިފާޢީ ވަކީލަކު ވިދާޅުވި ގޮތުގައި ޖިނާއީ ބޮޑެތި ވަރަށް ގިނަ މައްސަލަތަކަކީ އެމައްސަލަތައް ސާބިތުކުރުމުގައި ސިއްރު ހެކިބަސް ބޭނުންކުރަންޖެހޭ މައްސަލަތަކެވެ. އެގޮތުން ނުރައްކާތެރި މާރާމާރީއާއި، މީހުން މެރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި އެތައް މައްސަލައެއްގައި ހެކިންގެ ރައްކާތެރިކަމަށްޓަކައި ހެކިބަސް ނަގަނީ ސިއްރުންނެވެ. އެއީ އެކަން ކުރަން ޟަރޫރަތު ލާޒިމުކުރާ ގޮތެވެ. 

ނަމަވެސް އިސްވެ ދެންނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓަށް ކުރީގެ އުއްތަމަފަނޑިޔާރު ޢަބްދުﷲ ސަޢީދު ހުށަހެޅުއްވި އިސްތިއުނާފީ މައްސަލާގައި ފައިސަލާކޮށް އެކޯޓުން އިއްވި ހުކުމުގައި ޤާނޫނު މިހާރު އޮތް ގޮތުން ސިއްރު ހެކިބަސް ނެގުމަކީ ޤާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ސިއްރު ހެކިބަސް ނެގޭނީ ހެއްކާއިބެހޭ ޤާނޫނުގައި ސިއްރު ހެކިބަސް ނެގުމާ ގުޅޭ އުޞޫލުތަކެއް ބަޔާންކޮށް އެއުޞޫލުތަކާ އެއްގޮތަށް ކަމުގައެވެ. ނަމަވެސް 1976 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ހެއްކާއިބެހޭ ޤާނޫނަށް ސިއްރު ހެކިބަސް ނެގުމާ ގުޅޭ ގޮތުން އުޞޫލެއް އިތުރުކޮށް އެޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާއި ހަމައަށްވެސް ގެނެސްފައިނުވެއެވެ. 

އެހެންކަމުން ހައިކޯޓުގެ ނިންމުމާއެކު ސިއްރު ހެކިބަސް ނަގައިގެން ޝަރީޢަތް ކުރިއަށް ގެންދިއުން މަޑުޖެހިގެން ދިޔައެވެ. އެމައްސަލަ އިލްތިމާސްކުރައްވައި ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމެވެ. ޝަމީމު މައްސަލަ އިލްތިމާސްކުރެއްވީ 29 ޖަނަވަރީ މަހުގައެވެ. މިއަދަށް އޭގެ ފަހުން ދެމަހާއި ގާތްކުރާ މިންވަރުގެ މުއްދަތެއް ފާއިތުވެއްޖެއެވެ. ނުހަނު ހައްސާސް މައްސަލައެއް ނަމަވެސް މިހާތަނަށް އައިއިރު މިމައްސަލާގައި އެއްވެސް އަޑުއެހުމެއް އެކޯޓުން ބާއްވާފައިނުވެއެވެ. 

"ދިޔަރެސް"އަށް މަޢުލޫމާތު ދެއްވި ކުރީގެ ސީނިއަރ ޕްރޮސެކިއުޓަރެއް ވިދާޅުވީ އިންސާފު ލިބުން އެންމެ ބޭނުން އެންމެ ޚުޠޫރަތްތެރި ޙައްސާސް މައްސަލަތައް ލަސްވަމުން ގިނަވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި މިގޮތަށް އިންސާފު ނުލިބި ލަސްވުމަކީ އޭގެ ޒާތުގައި އިންސާފު ނުލިބުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިމައްސަލައަކީ އެތައް ބައެއްގެ ވަރަށް އަސާސީ ޙައްޤުތަކަކާ ގުޅުންހުރި މައްސަލައެއް ކަމުގައިވާތީ މިމައްސަލަ ވީހާވެސް އަވަސްކުރުމަކީ ބޭނުންތެރި ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. 

އެގޮތުން ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ޝަރީޢަތްތައް ފެށިގެން ނިމޭނެ އިރެއްގެ އިންތިޒާރުގައި ޙުކުމެއްކުރުމަކާއި ނުލައި “ވާނުވާ ޖަހާފައިވާ” އެތައް ސަތޭކަ ބަޔަކު ތިބި ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް މިފަދަ ކުށްތަކުގައި އަނިޔާ ލިބުނު ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާގެ އިންތިޒާރީތައްވެސް ދިގުކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުޢޫދުއަކީ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ކުރިން ސިއްރު ހެކިބަހާއި ދެކޮޅަށް އެކި މަހައްލުތަކުގައި ވަރަށް ގަދައަށް އަޑުއުފުއްލެވި ބޭފުޅެކެވެ. އެގޮތުން އެބޭފުޅުންނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ޤާނޫނަކުން ނަމަވެސް ސިއްރު ހެކިބަސް ނެންގެވުން ހުއްޓުވާނެކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ފުންނާބު އުސް އެހެން ވަކީލެއްކަމުގައިވާ މައުމޫން ޙަމީދުއަކީވެސް ސިއްރުހެކިބަސް ނެގުމުގެ ޤާނޫނީ ސައްޙަކަމާއިމެދު ސުވާލުއުފައްދަވާ އެކަމާއިދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.  

ކިޔުންތެރިންގެ ހިޔާލު
ފުނިޖެހޭކަށް ނުޖެހޭ
އޭރެއްގަ އޮތް އެންމެ ފަހުގެ ނިންމުމަކަށް ރިޢާޔަތްކޮށް ޢަމަލުކުރީމަ ނިމުނީ. މިހާރު މިއޮތީ ހައިކޯޓުގެ ޙުކުމް އެންމެ ފަހުގެ ނިންމުމަކަށް. އެޙުކުމަށް ޢަމަލުކޮށް އެއުޞޫލުން ދަށުކޯޓުން ޢަމަލުކުރީމަ ނިމުނީ.