އިންކަމް ޓެކްސް ނަގަން ފަށާ ދުވަސް ރައީސަށް އޮޅިވަޑައިގެންފި

ޙުސައިން އަފްޝަން 25 މާރިޗު 2020 21:00
Flowers
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު/ ފޮޓޯ: ޓުވިޓަރ

އާމްދަނީން ޓެކުސް ނެގުމާ ގުޅޭ ގޮތުން ނޫސްވެރިން ކުރެއްވުމުން އާމްދަނީން ޓެކުސް ނަގާނީ އަންނަ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ނަމަވެސް، އާމްދަނީން ޓެކުސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކުސް ނެގުން މިއަހަރު ޖެނުވަރީ މަހުގެ 1 ވަނަ ދުވަހު ވަނީ ފެށިފައެވެ. 

އަދި އޭގެ އިތުރަށް ޤާނޫނުގައި ބުނެފައިވާ އުޖޫރައިން އާމްދަނީން ނަގާ ޓެކުހަކީ މިއަހަރުގެ 1 އެޕްރީލުވާ ދުވަހުން ފެށިގެން ނަގަން ފަށަން ހަމަޖެހިފައިވާ ޓެކުހެކެވެ. އެކަން މީރާގެ ވެބްސައިޓުގައިވަނީ ޢާންމުކޮށް ޝާއިޢުކޮށް ފެންނާނެހެން އިޢުލާނުކޮށްފައެވެ. 

އެގޮތުން އާމްދަނީން ޓެކުސް ނެގުމާ ބެހޭ ޤާނޫނުގެ 78 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މިޤާނޫނުގައި ބަޔާންކޮށްފައިވާ ޓެކުސްތައް ނަގަން ފަށަން ޖެހޭނީ 1 ޖަނަވަރީ 2020 ކަމުގައެވެ. އަދި އެމާއްދާގެ (ނ) ގައި ބުނެފައިވަނީ މިމާއްދާގެ (ށ)ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް މިޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުޖޫރައިން އާމްދަނީން ނަގާ ޓެކުސް ނަގަން ފަށާނީ 1 އޭޕްރީލް 2020ން ފެށިގެން ކަމުގައެވެ. 

އާމްދަނީން ޓެކުސް ނެގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ޓެކުހަކީ އުޖޫރައިން ނަގާ ޓެކުހެވެ. އުޖޫރައިން ޓެކުސް ނަގަނީ ވިތުހޯލްޑިންގ ޓެކުހެއް ގޮތުގައެވެ. ވިތުހޯލްޑިން ނުވަތަ ހިފަހައްޓައިގެން ނަގާ ޓެކުހަކީ އާމްދަނީން ޓެކުސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވަނީ ވިތުހޯލްޑިން ޓެކުސް ދައްކަންޖެހޭ ފަރާތަށް އެއާމްދަނީއަށްވާ ފައިސާ ދޭ ފަރާތުން އާމްދަނީން އެމިންވަރު އުނިކުރުމަށްފަހު މީރާއަށް ދައްކަންވާނެ ކަމުގައެވެ. 

އެހެންކަމުން ކުންފުންޏެއްގެ ވަޒީފާގައި ހުންނަ ފަރާތަކަށް އުޖޫރައިގެ ގޮތުގައި 60،000 އަށް ވުރެ ބޮޑު މިންވަރެއް ލިބޭ ނަމަ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އުޖޫރައިން ދައްކަންވާ މިންވަރު ކަނޑާނީ ކުންފުނިންނެވެ. އަދި އެމިންވަރު މީރާއަށް ދައްކާނީވެސް ކުންފުނިންނެވެ.

މިހެންކަމުން އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އާމްދަނީން ޓެކުސް ނެގުމުގެ ޤާނޫނުގައި ޓެކުސް ނެގުމަށް ކަނޑައަޅާފައިވާ މިންވަރުގެ އާމްދަނީއެއް އުޖޫރައިގެ ގޮތުގައި ލިބޭ ފަރާތްތަކުގެ އުޖޫރައިން އެމިންވަރު ކުންފުނިތަކުން އަދި އެފަރާތްތަކަށް އުޖޫރަދޭ ފަރާތްތަކުން އުނިކުރަމުންދާނެއެވެ. އަދި އެމިންވަރު މީރާއަށް ދައްކަމުންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ނައުުޝާދު
ތިކަމުގައި ރައީސް އަށް މާފްކޮށްފިން.
ހިމްނާ
ފިތުނަގެ ބަދަލުގައި ބޮޑު ވަބާއެއް މިމީހުންނަށް ދައްކަވާށި! އާމިން ޔާ ރައްބު!
ބުރާނތި
ކައޭމެން އަށް އެެއްވެސް އެއްޗެއް ނޯޅޭނެ.ބުރާންތިތައް
ޢީސާފުޅު
ޙަ ހަ ހަ ދޭހައަކީ ފައިސާފަހަތުން ގޮތްގޮތަށް ހާވައިގެން ޙަލާލު ނޫންގޮތަށް ބައްކުރަން ނޫޅޭކަން..، އެކަންކަން ބަލާނީ ޒިންމާ ޙަވާލުކޮށްފައިތިބި މީހުންކަން... މީރާއަށް ދައްކަންޖެހޭފައިސާ ޔާމީނާއި ފާތުމަގެ ޖީބަށް އެޅިގޮތަށް އަޅާނެ ވެރިޔެއް ނޫންކަން.. ޢެއީ ޖޯކް ޖަހަންވީ ކަމެއްނޫން...
ކިއްލި
ހަމަހޭގަ ހުތެގެންތާ ރަނގަޅު ވާހަކައެއް ގެއްކޭނީ މީހާ ހުރީ ވަރުބަލި ވެފަ ވާނުވާއެއް ނޭންގޭ
އަހްމަދު
ރައީސް ވިދާޅުވީ އޭޕްރީލްމަހުގައޭ ޓެކްސް ނަގާނީ. އަދި މިއަހަރު ނިމުނީމައޭ ދައްކާނި. މީގާކޮބާތަ މައްސަލައެއް. އިންކަމްޓެކްސް އެއީ މަހުން މަހުން މީރާއަށް ދައްކާއެއްޗެއްނޫން. ނޭނގޫނަށް ކިޔާތި. ފިތުނަ އުފައްދަން އުޅުނަސްތީ ބޮޑުވަރު.
ރިޝްވަތުންފުރިގެންވާދިޔަރެހާ
ދިޔަރެހާ މިހާރުގެ ރައީސު އޮޅިވަޑައިގަތީ ދެން ނިމިދިޔަ ވަގު ރައީސުގެ ބޮޑު ބިޔަ ވައްކަމުގެ ވާހަކަ ނޫހުގައި ނުލިޔަނީކީއްވެ..؟؟ ދިޔަރެހާ ކަލޭމެންނައް ރިޝްވަތުގެ ފައިސާ ލިބުނީ ކިހާވަރެއްބާ..؟؟