ކޮރޯނާ ވައިރަސްއާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ޗައިނާއިން ސިއްރުކުރޭ: ޕޮމްޕެއޯ

ޙުސައިން އަފްޝަން 25 މާރިޗު 2020 10:22
Flowers
ފޮޓޯ: ރޮއިޓަރސް

ޗައިނާއިން ކޮރޯނާ ވައިރަސްއާ ގުޅިގެން މަސައްކަތްކުރި ގޮތަަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓު (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ ޗައިނާގެ ކޮމިއުނިސްޓު ޕާޓީންދަނީ ކޮރޯނާ ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރުމުގައި ދުނިޔެއަށް މުހިއްމުވާ ބައެއް މަޢުލޫމާތު ވަންހަނާކުރަމުން ކަމުގައެވެ. 

ވޮޝިންޓަން ވޮޗް ރޭޑިއޯ ޕްރޮގުރާމަށް ދެއްވި ބަސްދީގަތުމެއްގައި ޕޮމްޕިއޯވަނީ ތަކުރާރުކޮށް ޗައިނާއިން މަޢުލޫމާތު ހިއްސާކުރުން ލަސްވުމުގެ ސަބަބުން މުޅި ދުނިޔެ ހިރާސެއްގެ ތެރެއަށް ވެޓިގެން ގޮސްފައިވާ ކަމުގައި ތުހުމަތުކުރައްވާފައެވެ. އަދި އޭގެ އިތުރަށް ޗައިނާއިން ދުނިޔޭގެ އެތައް ހާސް ބައެއް ނުރައްކަލުގެ ތެރެއަށް ލާފައިވާ ކަމުގައިވެސް ޕޮމްޕެއޯ ތުހުމަތުކުރެއްވިއެވެ. 

އަދި އޭގެ އިތުރަށް އޭނާ ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާގެ ކޮމިއުނިސްޓު ޕާޓީން ނުވައި މަޢުލޫމާތު ދިނުމާއި ވަންހަނާކުރުމުގެ އުކުޅުތައް ބޭނުންކުރުމުގެ ސަބަބުން ދުނިޔެއަށް މުހިއްމުވާ އަސާސީ މަޢުލޫމާތު ނުލިބުން ކަމުގައެވެ. އަދި އެމަޢުލޫމާތަކީ މިފަދަ ކަމެއް މުސްތަޤުބަލުގައި ހިނގުން ހުއްޓުވުމަށް އަދި އިތުރު ކޭސްތަކެއް މަދުކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ކަމުގައެވެ. 

އޭގެ އިތުރަށް ރަޝިޔާއާއި އީރާނުން މިވައިރަހާ ގުޅިގެން ނުބައި މަޢުލޫމާތު ފެތުރުމުގެ ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައިވެސް ޕްމެޕެއޯ ތުހުމަތުކޮށްފައިވެއެވެ. އަދި އެގޮތުން ޗައިނާއާއި ރަޝިޔާއާއި އީރާނުންވެސްދަނީ ދޮގު މަޢުލޫމާތު ފަތުރަމުން ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން މިބައްޔަކީ އެމެރިކާ ޢަސްކަރިއްޔާއިން ފެތުރި ބައްޔެއް ކަމުގައި ނުވަތަ މިބަލި އެންމެ ފުރަތަމަ ފެށިގެން އައީ އިޓަލީގައި ކަމުގައި ބުނެ ދައްކާ ވާހަކަތަކަކީ ޒިންމާއިން ރެކުމަށް ކުރާ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. 

ޗައިނާގެ ސިޔާސަތުތަކަށް ޕޮމްޕެއޯ ވަރަށް ބޮޑަށް ފާޑުވިދާޅުވިނަމަވެސް މިވައިރަސްއަށް ޗައިނާ ވައިރަސް ނުވަތަ ވޫހާން ވައިރަސްގެ ނަމުން މުޚާޠަބުކުރައްވާފައިނުވެއެވެ. އެފަދައިން އެނަން ބޭނުންކުރުމުގެ ސަބަބިން ޗައިނާގެ ނުރުހުން ވަރަށް ބޮޑަށް އެބަސް ބޭނުންކުރި ފަރާތްތަކަށް އަމާޒުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު