ބޭރުގެ ދެ ޔޮޓެއް ރާއްޖެއަށް އެތެރެވުމަށް އެޗްޕީއޭއިން ހުއްދަ ދީފި

އެޑިޓަރު 25 މާރިޗު 2020 00:10
Flowers
ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދެވުނު އެއް ޔޮޓު

ރާއްޖޭގެ އެއްވެސް ރަށެއްގައި ބޭރުގެ އެއްވެސް އުޅަނދެއް އަދި ސަފާރީއެއް ބަނދަރުކުރުން މަނާކޮށްފައި އޮތްވާ ބޭރުގެ ދެ ޔޮޓަކަށް ރާއްޖެއަށް އެެތެރެވެ ބަނދަރު ކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދީފިއެވެ.

19 މާޗު ވަނަ ދުވަހު ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރު ޤައުމުތަކުން ފުރާ ސަފާރީ އަދި ޔޮޓުތައް ރާއްޖެއަށް އައުމާއި ރާއްޖޭގެ އެއްވެސް ރަށަކަށް ބަނދަރުކުރުން މަނާކޮށްފިކަން އަންގާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އިއުލާނެއްކޮށްފައެވެ. 

ނަމަވެސް 22 މާޗުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އިމިގްރޭޝަނަށާއި، ޑިފެންސް މިނިސްޓްރީ އަށާއި އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ސިޓީއެއް ފޮނުއްވައި، 19 މާޗުގެ އެންގުމުން 2 އުޅަނދެއް އިސްތިސްނާވާނެ ކަމަށް އަންގާފައެވެ. އަދި އެ ދެ އުޅަނދުގައި ތިބި އެންމެހާ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުން ދާން ބޭނުންވާ މަންޒިލަކަށް ދިޔުމުގެ ފުރުސަތު ދިނުމަށް ވަނީ އަންގާފައެވެ. ނަމަވެސް އެ އުޅަނދުތަކަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ ބައެއް ކަންކަން ޝަރުތުކުރުމަށްފަހުގައެވެ. މިގޮތުން އެ އުޅަނދުން އެއްވެސް މީހަކު ހުޅުލެ ނޫންތަނަކަށް ނުފޭބުމަށާއި، ހުޅުލެއަށް ފައިބަން ޖެހޭނީވެސް ފުރަން އެކަނިކަމަށް އޮތެވެ. މީގެ އިތުރުން އެ އުޅަނދުގެ އެންމެހާ ދަތުރުވެރިންނާއި ފަޅުވެރިންވެސް ކޮވިޑު-19 ފެތުރުނަ ނުދިޔުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެކަމަށް ސިޓީގައި ބުނެފައިވެއެވެ. 

މިދެ އުޅަނދަށް ޝަރުތުތަކާއި އެކު ހުއްދަ ދީފައިވާއިރު ދެ އުޅަނދުގެ ދަތުރުވެރިން އުޅޭ ނޫޅޭ ގޮތް ބެލުމަށް ސަރުކާރުން އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނުވެއެވެ. އަދި މި ދުވަސްވަރު އަމަލު ކުރަމުން އަންނަ އުސޫލު ކަމަށް ވާ ރާއްޖެ އެތެރެވާ ކޮންމެ މީހަކުވެސް 14 ދުވަހަށް ކަރަންޓީނު ކުރުމުގެ އުސޫލަށް ވެސް މިހާލަތުގައި ސަރުކާރުން އަމަލުކޮށްފައިނުވެއެވެ. އަދި އެ ދެ އުޅަނދުގައި ތިބި މީހުން އެއްވެސް ގޮތަކަށް މެޑިކަލް ޓެސްޓުތަކެއްވެސް ނަހަދާކަމަށް މައުލޫމާތު ލިބެއެވެ. 

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ އުޅަނދު އަދިވެސް ރާއްޖޭގައި އެބައޮތެވެ. ނަމަވެސް އުޅަނދުގައި ތިބި ފަތުރުވެރިން އަދި ފުރިކަމެއް ނޫނީ ނުފުރާ ކަމެއް ޔަގީނެެއް ނޫނެވެ. އީއްޔެގެ ވަގުތެއްގައި ދެ އުޅަނދުވެސް މާލެ ކައިރީގައި ބަނދަރުކޮށްގެން އޮތް ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއަށް އެއްވެސް އުޅަނދެއް ވަނުމުގެ ހުއްދަ ނުދޭން ނިންމާފައި ވަނިކޮށް ވަކި ފަރާތަކަށް މިގޮތަށް ހުއްދަ ދިނީ ކީއްވެގެން ކަން ސާފެއް ނޫނެވެ. ސަރުކާރުން އުޅަނދުތަކަށް ހުއްދަ ނުދޭން ނިންމި އިރު ރާއްޖެ ސަރަހައްދުގައި ތިބި ވަރަށް ގިނަ ޔޮޓު ތަކުން އެ ޔޮޓުތަކުގައި ތިބި ދަތުރުވެރިން ރާއްޖެ މެދުވެރިކޮށް އެ ދަތުރުވެރިން ދާން ބޭނުންވާ އެހެން މަންޒިލަކަށް ފޮނުވަން ބޭނުންވާތީ އެގޮތަށް ސަރުކާރުގައި އެދުނެވެ. ނަމަވެސް މި ދެ އުޅަނދު ފިޔަވައި އެހެން އެއްވެސް އުޅަނދަކަށް އެ ހުއްދަ ދީފައި ނުފެއެވެ. މި ދެ އުޅަނދު ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވެފައިވަނީ އެންޓްރެކް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙަސަންނިޒާމް
ފަސާދަ ފަސާދަ
ބަނާނާ
މިކަމުގައި ޝައްކު އުފެދޭ ކަންކަން އެބަހުރި.ތަހުގީގަކަށް ގޮވާލަން.
ބަނާނާ
ކޮންމެ ކަމެއް ސިޔާސީ ވެފަ ފިތުނައޭ ބުނީމާ ނިމުނީތޯ؟