ދޮން ނަސްލު މަތިވެރިކުރާ ބަޔަކު ކޮރޯނާ ވައިރަސް ހަތިޔާރަކަށް ހެދުމަށް ސައްލާކޮށްފި

ޙުސައިން އަފްޝަން 24 މާރިޗު 2020 14:09
Flowers

ދޮން ނަސްލުގެ މަތިވެރިކަން ޤަބޫލުކުރާ ނަސްލީ ތަޢައްޞުބަށް ތާއީދުކުރާ ހަރުކަށި ޖަމާޢަތަކުން ނޮވެލް ކޮރޯނާ ވައިރަސް ބައޯ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން މަޝްވަރާކުރިކަން ފަޅާއަރައިފިއެވެ. 

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ބައެއް ލިޔެކިޔުންތަކާ ހަވާލާދީ ޔާހޫ ނިއުސްއިން ބުނެފައިވަނީ ކޮވިޑް-19 ބަލިޖައްސާ ކޮރޯނާ ވައިރަސް ބައޯ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާމެދު ދޮން ނަސްލު މަތިވެރިކުރާ ހަރުކަށި ޖަމާޢަތްތަކުން މަޝްވަރާކުރިކަން އެމެރިކާ ސަރުކާރުގެ ޤާނޫނު ތަންފީޒުކުރާ ތަޙުޤީޤީ އިދާރާތަކަށް އެނގިފައިވާ ކަމުގައެވެ. 

އަދި އެލިޔުމުގައި ބުނެފައިވަނީ މިޖަމާޢަތްތަކުގެ މީހުން ބުނެފައިވަނީ އެމީހުން ތެރެއިން މީހަކަށް އެބަލި ޖެހިއްޖެނަމަ އެބަލި އެހެން މީހުންގެ މެދުގައި ފެތުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި އެގޮތުން ޤާނޫނީ ތަންފީޒުކުރާ ފަރާތްތަކާއި ހުދު ނަސްލަށް ނިސްބަތްނުވާ ފަރާތްތަކަށް އަމާޒުކޮށް އެފަރާތްތަކަށް ބަލިޖެއްސުމަށް އިސްކަންދިނުމަށްވެސް މިޖަމާޢަތްތަކުގެ މީހުން ވާހަކަދައްކާފައިވެއެވެ. 

އެމީހުންގެ މަޝްވަރާތަކުގެ ތެރޭގައި އެމެރިކާގެ ފެޑެރަލް ތަޙުޤީޤީ އިދާރާ އެފްބީއައިގެ އޮފީސްތަކުގެ ދޮރު ތަންޑުތަކުގައި ކުޅު ކޭއްތުން ކަހަލަ ކަންކަން ހިމަނާފައިވެއެވެ. އަދި އެމީހުންގެ ދުޝްމަނުން ކަމުގައި ބުނާ ފަރާތްތަކާއެކު ވަގުތު ހޭދަކުރުމަކީވެސް އެމީހުން ރާވާފައިވާ ކަމެކެވެ. 

ޔާހޫ ނިއުސްއަށް ލިބިފައިވާ ލިޔެކިޔުންތަކަށް ހަވާލާދީ ޔާހޫ ނިއުސްގައި ބުނެފަިއވަނީ ފުލުހުންނާއި ތަޙުޤީޤީ އިދާރާތަކާއި އެހެން ނަސްލުތަކުގެ މީހުންގެ އިތުރަށް ވަކި ޚާއްޞަ އަމާޒެއްނެތި ބައެއް ޢާންމު ތަންތަނަށް ޖަމާވެ އެތަންތަނުގައި ނޮވެލް ކޮރޯނާ ވައިރަސް އަށަގެންނެވުމާމެދު މިޖަމާޢަތުގެ މީހުން މަޝްވަރާކޮށްފައިވާ ކަމުގައެވެ.

ޔާހޫ ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން މިމަޝްވަރާތައް ހިނގާފައިވަނީ ޓެލެގްރާމް މެދުވެރިކޮށެވެ. އެގޮތުން ނާޒީ ފިކުރަށް ތާއީދުކުރާ މީހުންގެ ގެންގުޅޭ ފަލްސަފާއެއް ކަމުގައިވާ "ސީޖް ކަލްޗާ" ނުވަތަ ހިސާރަ ސަގާފަތަށް ޚާއްޞަކޮށްފައިވާ ޓެލެގްރާމް ގުރޫޕެއްގައި މިމަޝްވަރާތައް ކުރެވިފައިވާ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙަސަން
ޙެޔޮވިސްނުން ދެއްވާށި