Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

1947 ވަނަ އަހަރު މާލޭގައި ގަދަ ހުމެއް ފެތުރުމުން އެހީވާން ނުކުތީ ކޮން ބައެއްކަން އެނގޭތަ؟

ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވަޒީރުއް ދާޚިލިއްޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު 1947 ވަނަ އަހަރު ތެރޭގައި މުޅި މާލޭގައި ވަރަށް ވަރުގަދަ ހުމެއް ފެތުރިގެން ދިޔައެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވަނީ "އަށެއްކަ ދުވަހުގެ ތެރޭގައި މާލޭގެ ބައެއް މީހުންނަށް ޖެހުނު ހުމެއް، މުޅި މާލެއަށް ޢާންމުވެ ފެތުރިގެން ދިޔައީ، އެ ހުމާއިމެދު އަޅުގަނޑުމެން ނުވިސްނައި ތިބިނަމަ ޢަޖާއިބުވެ ޙައިރާންވެ، ކުރާނެ ނުކުރާނެ ކަމެއް ނޭނގިދާ ފަދަ ހަލުއިކަމާ އެކުގައެވެ."
މިދެންނެވުނު ބަލިމަޑުކަން މާލެތެރެއަށް ފެތުރިގެން ދިޔަ ހަލުއިމިނުގެ ވާހަކަ މުޙައްމަދު އަމީންވަނީ ވަރަށް ސާފުކޮށް ލިޔުއްވާފައެވެ. އަމީން ދީދީ ލިޔުއްވާފައިވާ ގޮތުން މިބަލި މުޅި މާލެ ތެރެއަށް ފެތުރިގެން ގޮސް މާލޭގެ އާބާދީގެ ފަސްބައިކުޅަ ހަތަރު ބައަށް މިބަލި ޖެހުނެވެ. އަދި އެފަދަ ނުރައްކާ ދަނޑިވަޅެއްގައި ބަލިވެ ތިބި މީހުންނަށް އަޅައިލާ އެހީތެިރވާނެ މީހުންނަށާއި، ޞިއްޙަތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޢުލޫމާތު ފޯރުކޮށްދީ ނަޞޭޙަތްތެރިވާނެ މީހުންނަށް ވަރަށް ބޮޑަށް ބޭނުންޖެހުނެވެ.
އަމީން ދީދީ ޞިފަކުރެއްވި ގޮތުގައި އެއީ އޭގެ ކުރިން ޒަމާނަކު މާލެއަށް މެދުވެރިނުވާ ފަދަ ނިކަމެތި ޙާލަތެކެވެ. އެޙާލަތުގައި މުޙައްމަދު އަމީން އެހީތެރިކަމަށް އެދިވަޑައިގަތީ މާލޭ އަވަށްތަކުގެ އަންހެން ބެއިކަނބަލުންގެ ކިބައިންނެވެ. ސުއްމުވުލް އަމީރު މުޙައްމަދު އަމީން ލިޔުއްވާފައިވާ ގޮތުގައި އަންހެން ކަނބަލުންގެ އެހީތެރިކަމަށް އެކިލެގެފާނު އެދިވަޑައިގެންނެވިއިރުވެސް އޭގެ ކުރިން އެފަދަ ކަމަކަށް އަންހެން ކަނބަލުން ނުކުމެވަޑައިގެންފައިނުވާ ކަމާއި ކަނބަލުންނަށް ލިބިފައިވާ ތަޖުރިބާގެ މަދުކަން އެކިލެގަފާނަށް އެނގިވަޑައިގަންނަވައެވެ.
ކޮންމެއަކަސް އަމީން ދީދީގެ ގޮވައިލެއްވުމަށް މާލޭ އަވަށްތަކުގެ އަންހެން ކަނބަލުން ނުކުމެވަޑައިގެން ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި އަމީން ދީދީ އެކަނބަލުންނަށް ޚާއްޞަ ޝުކުރުގެ ސިޓީއެއް ލިޔުއްވިއެވެ. ވަކިވަކިން ކޮންމެ އަވަށެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަންހެން ކަނބަލުންނާއި ކުރެއްވި މަސައްކަތާއި ތަޙައްމަލުކުރެއްވި ދަތިތައް އަމީނުގެ ސިޓީގައި ފާހަގަކުރެއްވިއެވެ.
އަމީން ދީދީ ލިޔުއްވި ސިޓީގެ ނިންމެވުމުގައި ވިދާޅުވެފައިވެއެވެ. "ޝައްކެއް ވަސްވާހެއް ނެތެވެ. މާލޭގެ އަންހެނުނަށް އަޅުގަނޑު ފުރަތަމަ ގޮވާލި ފަހަރު އެބެއިފުޅުންނާއި މީހުން އިޖާބަދިނީ، އެދެވޭ އެންމެ ފުރިހަމަ ގޮތުގައެވެ."
މި ލިއުމާއި ގުޅޭ