Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރިސޯޓުތަކާ އެހެން ރަށްރަށުގެ މެދުގައި ދަތުރުކުރުން މަނާކޮށްފި

ރިސޯޓުތަކާއި އެހެން ރަށްތަކުގެ ދޭތެރޭގައި އެއްވެސް ކަހަލަ ދަތުރެއް ކުރުން އެޗްޕީއޭއިން މަނާކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ކޮރޯނާ ވައިރަސް ދިވެހިރާއްޖެއިން ފެނުމާ ގުޅިގެން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ކަމުގައެވެ. އަދި އެޙާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ޤާނޫނީ ބާރުތައް ބޭނުންކޮށްގެން ތިން ކަމެއް މަނާކުރާ ކަމުގައެވެ. އެގޮތުން އެއްވެސް ރިސޯޓަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުން މަނާކޮށްފައިވެއެވެ. ހަމައެހެންމެ އެއްވެސް ރަށަކުން މީހަކު ރިސޯޓަށް ދިއުމަކީވެސް މަނާ ކަމެއް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި އެއާއެކު، އެއް ރިސޯޓުން އަނެއް ރިސޯޓަށް ކުރާ ދަތުރުތައްވެސް ހުއްޓައިލުމަށް އަންގަވާފައިވެއެވެ.
އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން ފެށެނީ 18 މާޗުގެ ރޭގަނޑު 21.00 އިން ފެށިގެންނެވެ. އަދި މިފިޔަވަޅު ދެމި އޮންނާނީ އެވަގުތުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ބައެއް ޙާލަތްތައް އެބަޔާނުން އިސްތިސްނާކޮށްފައިވެއެވެ. އެގޮތުން ރިސޯޓެއްގައި ތިބޭ ފަތުރުވެރިން ފުރުމަށް އެއާޕޯޓަށް ދެވޭނެއެވެ. އަދި އެމީހުން ފުރުވުމަށް ދާ މުވައްޒަފުންނަށްވެސް އެއާޕޯޓަށް ދެވޭނެއެވެ. އެހެންނަމަވެސް އެފަދައިން ކުރާ ދަތުރުގެ ތަފުޞީލު ރިޕޯޓުކުރަން ޖެހޭނެއެވެ. އަދި އެއާޕޯޓުން އެމުވައްޒަފުން ދާންޖެހޭނީ ސީދާ ރިސޯޓަށެވެ. އިތުރު ތަނަކަށް ދިއުމަކީ މަނާ ކަމެކެވެ. އޭގެ އިތުރަށް ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދެއްގައި ރިސޯޓަށް ދާ ފަރާތަކަށް ރިސޯޓުގެ ޖެޓީއާ ހަމައަށް ދެވިދާނެއެވެ. ނަމަވެސް އެފަރާތެއްވެސް ރިސޯޓަށް ފާބައިފިނަމަ މަޑުކުރަން ޖެހޭނީ ރިސޯޓުގައެވެ.
އަދި މިފިޔަވަޅުތައް ތަންފީޒުކުރުމަށް ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރު އިލްތިމާސްކުރައްވާފައިވެއެވެ.
މި ލިއުމާއި ގުޅޭ