Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިންތިޚާބު ލަސްކުރަންޖެހޭ ޙާލަތެއްގައި އެކަމަށް އިދިކޮޅުން ތާއީދުކުރާނެ: ޢަބްދުއްރަޙީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އިތުރަށް ފަސްކުރަންޖެހޭ ޙާލަތެއް އަތުވެއްޖެ ކަމަށް ސަރުކާރުން ނިންމައިފިނަމަ އެގޮތަށް އެކަން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތާއީދުކުރާނެ ކަމުގައި އެކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަޙީމް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސް ފެތުރުމާ ގުޅިގެން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ފަސްކުރަންޖެހޭ ޙާލަތެއް އޮތް ކަމަށް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވާ ކަމުގައެވެ. އަދި އެފަދަ ޙާލަތަކަށް ޤައުމު ހިނގައްޖެނަމަ، އެޙާލަތުގައި އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީން ތާއީދުކުރާނެ ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމުގައެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން މަޖިލިހުގައި ވާހަކަދެކެވުނު ޖަލްސާގައި ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމުވެސް ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން އިންތިޚާބު ފަސްކުރަންޖެހޭ ކަން ނުވަތަ ނޫންކަން ނިންމާނީ ސަރުކާރުން ކަމުގައެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އިންތިޚާބު ފަސްކުރަންޖެހޭނަމަ އެކަންކުރަންޖެހޭނެ ކަމުގައި ސަލީމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެފައިވަނީ ޞިއްޙީ މާހިރުންގެ ލަފައާ އެއްގޮތަށް ޢާންމު ހުރިހާ އެއްވުންތަކެއް މަޑު ޖައްސައިލުމުގެ ގޮތުން އިންތިޚާބު ފަސްކުރަންވީ ކަމުގައެވެ.
މި ލިއުމާއި ގުޅޭ